11 އޯގަސްޓް 2024 - 10:16

ފިރިހެނެއް ކަމަށް ބުނެ ފުރައްސާރަ ކުރިމަތިކުރި އަލްޖީރިއާގެ ބޮކްސިން ތެޅުންތެރިޔާ އީމާން ޚެލީފް، މުބާރާތުގެ އަންހެނުންގެ 66 ކިލޯ ކެޓަގަރީން ހޯދި ރަން މެޑަލްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އަލްޖީރިއާގެ މަގުތަކުގައި އެ ގައުމުގެ ރައްޔިތުން އުފާ ފާޅުކޮށްފި އެވެ.

އީމާން މި ކާމިޔާބީ ހޯދާފައި ވަނީ، މުޅި ގޭމްސް ގައި ވެސް އީމާންގެ ޖިންސާ މެދު ސުވާލު އުފައްދައި، އޮލިމްޕިކްސް އިން ޑިސްކޮލިފައިކުރަން ގޮވާލައި އެތައް ފުރައްސާރައެއް ކުރިމަތިކުރުވާފައި ވަނިކޮށެވެ.

އެއީ އަލްޖީރިއާގެ ބޮޑެތި ސިޓީތަކުގައި އުފާފާޅު ކުރިއިރު އާޓިސްޓުން ވަނީ ފާރުތަކުގައި އީމާންގެ ތަސްވީރުތައް ވެސް ކުރަހައިފަ އެވެ.

އީމާން މޮޅުވީ ހުކުރު ދުވަހު އޮތް ފައިނަލްގައި ޗައިނާގެ ޔަންގް ލިއު އާ ވާދަކޮށްގެންނެވެ.
މިއީ އަލްޖީރިއާ އިން މިއަހަރުގެ އޮލިމްޕިކްސްގައި ހޯދި ދެ ވަނަ ރަން މެޑަލް އެވެ. އަލްޖީރިއާ އަށް އޮލިމްޕިކްސްގައި ރަން މެޑަލް އެއް ނުލިބި ކުރި 12 އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނައީ ޖިމްނާސްޓިކްސްގައި ވާދަކުރި އަންހެން އެތުލީޓް ކައިލިއާ ނެމޮއާ އެވެ.
އީމާންގެ އިތުރުން ޓައިވާނުގެ ލިން ޔޫ ޓިންގް ވެސް ޖިންސު ކަށަވަރު ކުރުމުގެ ޓެސްޓުން ފެއިލްވެފައިވާކަމަށް ބުނެ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ޑިސްކޮލިފައިކޮށް ބައިނަލްއަގުވާމީ ބޮކްސިން އެސޯސިއޭޝަން (އައިބީއޭ) އިން ދެ ކުޅުންތެރިން ބާކީ ކުރި އެވެ.
ނަމަވެސް ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން ވަނީ އައިބީއޭ ބޭން ކޮށް، އޮލިމްޕިކްސްގައި ބޮކްސިން ތެޅުންތެރިން ދިފާއުކޮށްފަ އެވެ.
"އަލްޖީރިއާގެ ބޮކްސިން ތެޅުންތެރިޔާ އުފަންވީ އަންހެނެއް ގޮތުގައި. އޭނާ ރަޖިސްޓާ ކުރެވިފައި ވަނީ ވެސް އަންހެނެއްގެ ގޮތުގައި. އޭނާގެ ހަޔާތް ވޭތުކުރަމުން ގެންދަނީ އަންހެނެއްގެ ގޮތުގައި، މީގެ ކުރިން ބޮކްސިން ތަޅާފައި ވަނީވެސް އަންހެން އެތުލީޓެއްގެ ގޮތުގައި. އޭނާގެ ޕާސްޕޯޓްގައި ވެސް އޮތީ އެއީ އަންހެނެއް ކަމަށް،" އައިއޯސީގެ ތަރުޖަމާނު މާކް އެޑަމްސް ބުނެފައިވެ އެވެ.
އައިއޯސީގެ ރައީށް ތޯމަސް ބަކް ވެސް ވަނީ ލިން ޔޫ ޓިންގް އާއި އީމާން އަށް އަމާޒުކޮށް ނަފްރަތު އުފެދޭ ވާހަކަ ދެއްކުން ބަލައި ނުގަނެވޭ ކަމަށް ބުނެފަ އެވެ.