އޮފްސައިޑް ނިންމުންތަކަށް ވީޑިއޯ ޓެކްނޮލޮޖީ މުހިއްމުތަ؟
އޮފްސައިޑް ނިންމުންތަކަށް ވީޑިއޯ ޓެކްނޮލޮޖީ މުހިއްމުތަ؟

އޮފްސައިޑް ނިންމުންތަކަށް ވީޑިއޯ ޓެކްނޮލޮޖީގެ އެހީ ބޭނުންވާ ކަމަށް ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނެފި އެވެ.

ފުޓްބޯޅައިގައި ގިނަ ކަންތައްތަކަށް ޓެކްނޮލޮޖީގެ އެހީ ދަނީ ހޯދަމުންނެވެ. ބޯޅަ ގޯލުގެ ރޮނގުމަތިން ހުރަސްކުރިތޯ ޔަގީންކުރުމަށް ގޯލް ލައިން ޓެކްނޮލޮޖީގެ ބޭނުން މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ހިފަމުންނެވެ. އަދި މިދިޔަ އަހަރު ޖަޕާންގައި އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގައިވަނީ ޓެކްނިކަލް ނިންމުތަކަށް ވެސް ވީޑިއޯ ޓެކްނޮލޮޖީގެ ބޭނުން ހިފައިފަ އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ ވަނީ ފުޓްބޯޅަ އަށް ޓެކްނޮލޮޖީގެ އެހީތެރިކަން ބޮޑުވަމުން އަންނަ މި ޒަމާނުގައި މެޗުތަކުގެ ނަތީޖާ އިންސާފުވެރިކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ޓެކްނޮލޮޖީގެ ބޭނުން ހިފަމުން މިދަނީ ވީހާވެސް އިންސާފުވެރިކޮށް މެޗުތައް ކުރިއަށް ގެންދަން. ޓެކްނޮލޮޖީގެ ބޭނުންތެރިކަން ފުޓްބޯޅަ އަށް ބޮޑު. އަހަރެންގެ ނަޒަރުގައި ދެން ޓެކްނޮލޮޖީގެ އެހީ ހޯދަން ފަށަންވީ އޮފްސައިޑް ނިންމުންތަކަށް،" ސަމްޕައޮލީ ބުންޏެވެ.

އިނގިރޭސި ލީގު ކަޕް ފައިނަލްގައި މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ސައުތެމްޓަންގެ ކޯޗު ކްލައުޑޭ ޕުއެލް ވެސް ވަނީ އޮފްސައިޑް ނިންމުތަކުގެ ސަބަބުން މެޗުތަކުގެ ނަތީޖާ އަށް އަސަރުކުރާ ކަމަށް ބުނެފަ އެވެ.

"މިއީ އަހަރެމެންނަށް އިންސާފުވެރި ނަތީޖާ އެއް ނޫން. އަހަރެން ގަބޫލުކުރާގޮތުގައި އިންސާފުވެރި ނަތީޖާއެއް ނަމަ އަހަރެމެންގެ ތިން ގޯލު ސްކޯބޯޑުން ފެންނާނެ. އަހަރެން ގޮވާލަން އޮފްސައިޑް ނިންމުތަކުގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަން،" ޕުއެލް ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފީފާގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ހަވާލުވުމަށް ފަހު ކުރީގެ އެއް ވަނަ ފޯވާޑް މާކޯ ވެން ބާސްޓެން އަންނަނީ ފުޓްބޯޅައިގެ ގިނަ ކަންތައްތަކަށް ބަދަލު ގެންނަން މަޝްވަރާ ކުރަމުންނެވެ. އޭނާ މީގެ ކުރިން ވިދާޅުވެފައިވަނީ ޓެކްނޮލޮޖީގެ ބޭނުން ފުޓްބޯޅައިގައި ވީ އެންމެ ފުޅާދާއިރާއެއްގައި ހިފާނެ ކަމަށެވެ.

ކުޅިވަރު ސްޓެޓިސްޓިކްސް ބަލަހައްޓާ ވެބްސައިޓް އޮޕްޓާ އިން ރިޕޯޓްކުރާ ގޮތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި އޮފްސައިޑް ނިންމުން ގޯސްވުމުގެ ސަބަބުން ފާއިތުވި ހަތަރު ސީޒަނުގައި ވެސް 233 ލަނޑު ވަނީ ގަބޫލުނުކޮށްފަ އެވެ.