30 އޯގަސްޓް 2024 - 12:24

މޮނާކޯ (އޮގަސްޓް 29) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައި ލީގު ބުރުގައި ކޮންމެ ޓީމެއް ވާދަ ކުރަން ޖެހޭ އަށް ޓީމެއް ކަނޑައަޅަން 36 ޓީމާ އެކު ގުރު ނަގައިފި އެވެ.

ރޭގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި، ފުރަތަމަ ކުޅޭ ލީގު ބުރުގައި ވާދަކުރާ ޓީމެއް، ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ދައްކާލުމުން، އެ ޓީމެއް ކުޅެން ޖެހޭ ޓީމުތައް އޮޓަމެޓިކުން ހޮވުމަށް ބަޓަނަށް އޮބާލަން ހުރީ، ޗެމްޕިއަންސް ލީގުގެ ރެކޯޑް ގޯލްސްކޯރާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 183 މެޗުން ކާމިޔާބު ކުރި 140 ގޯލާ އެކު ހަދާފައިވާ ރެކޯޑު ފާހަގަ ކުރުމުގެ ގޮތުން ޔޫއެފާ އިން ވަނީ ރޭ އޭނާއާށް ޝަރަފްގެ އެވޯޑެއް ވެސް ދީފަ އެވެ. އަދި ބުފޮން އަށް ވެސް ވަނީ ޔޫއެފާ ޕްރެޒިޓެންޓްސް އެވޯޑް ދީފަ އެވެ.
ގުރުނެގުން ކުރިއަށް ގެންދިޔައީ، ޓީމުތައް ރޭންކް ކޮށްގެން ހަތަރު ޕޮޓަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމަކަށް ވެސް ކޮންމެ ޕޮޓަކުން ދެ ޓީމާ ދެކޮޅަށް ކުޅެން ޖެހެ އެވެ. އެއް މެޗު ހޯމް ގައި ކުޅޭއިރު، ޕޮޓްގެ އަނެއް ޓީމާ ދެކޮޅަށް ކުޅޭނީ އަވޭ ދަނޑުގަ އެވެ.
އަމިއްލަ ގައުމަށް ނިސްބަތްވާ ޓީމަކާ ދެކޮޅަށް ލީގު ބުރުގައި ނުކުޅެވޭނެ އެވެ. އަދި މި ބުރުގައި ކޮންމެ ޓީމަކަށް ވެސް، އެއް އެސޯސިއޭޝަނަކަށް ނިސްބަތްވާ ޓީމުތަކާ ދެކޮޅަށް ގިނަވެގެން ކުޅެވޭނީ ދެ ޓީމަކާ ދެކޮޅަށެވެ.
ލީގު ބުރަށް ފަހު ކުރިއަށް ދާނީ ނޮކައުޓް ބުރެވެ. ވާދަކުރި 36 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމު، ގަދަ 16 އަށް ހޮވޭނެ އެވެ. އަދި ނުވަވަނަ އިން ފެށިގެން 24 ވަނައަށް ރޭންކް ކުރެވޭ ޓީމުތަކުގެ ތެރެއިން ބާކީ އަށް ޓީމު ހޮވަން ދެ ލެގަށް ޕްލޭއޮފް ބުރެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޮކައުޓް ބުރަށް ނުހޮވޭ ޓީމުތަކަށް މި ސީޒަންގައި ޔޫއެފާ މުބާރާތްތައް ނިމުނީ އެވެ. ކުރިން އޮންނަ ގޮތަށް އެ ޓީމުތަކަށް ޔޫރޮޕާ ލީގުގެ ޕްލޭއޮފްގެ ފުރުސަތެއް ނޯންނާނެ އެވެ.
އާ ފޯމެޓުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބެޔާން މިއުނިކްގެ އެލިއެންޒް އެރީނާގަ އެވެ.
ބެޔާނުން ލީގު ބުރުގައި ޕީއެސްޖީ އާއި ބާސެލޯނާގެ އިތުރުން އެސްޓަން ވިލާއާ ދެކޮޅަށް ވެސް ކުޅެން ޖެހެ އެވެ. ޕީއެސްޖީން ލީގު ބުރުގައ ބެޔާނުގެ އިތުރުން މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް އަދި އާސެނަލްއާ ދެކޮޅަށް ވެސް ކުޅޭނެ އެވެ. ބާސެލޯނާ ވާދަ ކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމެންޑާއި އެޓަލާންޓާ އަދި ބެންފީކާ ވެސް ހިމެނެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަ ކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ޑޯޓްމެންޑް، ލިވަޕޫލް، އޭސީ މިލާން، އެޓަލާންޓާ ފާހަގަކޮށްލެވެ އެވެ. ރަނަރަޕް ޑޯޓްމެންޑަށް ރެއާލްގެ އިތުރުން ބާސެލޯނާއާ ދެކޮޅަށް ވެސް ކުޅެން ޖެހެ އެވެ.
އިނގރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަ ކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ޕީއެސްޖީ އާއި އިންޓަ މިލާނާއި ޔުވެންޓަސް ހިމެނެ އެވެ.
ލިވަޕޫލް ކުޅޭ އަށް މެޗު ވެސް ފޯރި ގަދަ ވާނެ އެވެ. އެޓީމު ވާދަކުރާނީ ރެއާލް މެޑްޑްރިޑް، އާރުބީ ލައިޕްޒިގް، ބެޔާ ލެވަކޫސެން، އޭސީ މިލާން، ލިލް، ޕީއެސްވީ، ބޮލޯނިއާ އަދި ޖިރޯނާއާ ދެކޮޅަށެވެ.
އާސެނަލް ކުޅެން ޖެހޭ ޓީމުތަކުގެ ތެރޭގައި އިންޓަ މިލާނާއި ޕީއެސްޖީ އަދި އެޓަލާޏްޓާ އާއި ޖިރޯނާ ފާހަގަ ކޮށްލެވެ އެވެ. އަދި ލީގު ބުރުގައި ބެޔާނާއި ލައިޕްޒިގްގެ އިތުރުން ޔުވެންޓަސް އާއި ބޮލޯނިއާއާ ދެކޮޅަށް އެސްޓަން ވިލާ ކުޅެން ޖެހޭނެ އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ސެޕްޓެމްބަރު 17 އިން އަންނަ އަހަރުގެ ޖެނުއަރީ 29 އަށް ކުރިއަށް ދާނެ އެވެ. ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގައި ވެސް 36 ޓީމާ އެކު މިއަދު ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ފަހު، މެޗުތަކުގެ ޝެޑިއުލް މާދަމާ ޔޫއެފާ އިން ހާމަކުރާނެ އެވެ.