01 ސެޕްޓެމްބަރ 2024 - 15:37

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް، ލާޖައްސައިގެން ހުޅުމާލޭގެ ގޯއްޗެއް މިލުކުރައްވައިފި އެވެ.
އަނާރާ ހުޅުމާލޭ ބީޗް ސައިޑުން ގޯއްޗެއް ހޯއްދެވީ އޭނާގެ ނަމުގައި ހުޅުމާލޭގައި އޮންނަ އެހެން ގޯއްޗެއް ލާޖައްސައިގެންނެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައިވާ ގޮތުން ހުޅުމާލެ ގޯތީގެ ވެރިމީހާ ވަނީ އަނާރާގެ ގޯއްޗާ ލާޖައްސާ ބަދަލުކުރަން އެއްބަސްވެފަ އެވެ.
އެހެންވެ އެ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ ލާޖެއްސުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ. ކޯޓުން ވަނީ ދެ ގޯތީގެ މިލްކުވެރިކަން ބަދަލުކޮށް، މައްސަލަ ނިންމައިފަ އެވެ.
ލާޖެއްސުމަކީ ދެ މީހަކު އެއްބަސްވެގެން އެކެއްގެ މިލްކުގައިވާ މުދަލަކާއި އަނެކާގެ މިލްކުގައިވާ މުދަލެއް ބަދަލުކުރުމެވެ. މި މުއާމަލާތަކީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ބަޔާންކުރާ މުއާމަލާތެއް ނޫނެވެ.
ނަމަވެސް، ލާޖެއްސުމަކީ ޝަރުއީ ނިޒާމްގެ ތެރެއިން ކުރަމުން އައިސްފައިވާ ކަމެއްކަން އެކި މަރުހަލާގެ ނިންމުންތަކުން އެނގެ އެވެ.
މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެމަނިކުފާނުގެ ގޯތި ގ. ދޫވެހި ލާޖައްސައިގެން ހެންވޭރުކޮޅުގައި މިހާރު އެ މަނިކުފާނު އުޅުއްވާ ގެ ހުންނަ ބިން މިލްކުކުރައްވައިފަ އެވެ.