05 ސެޕްޓެމްބަރ 2024 - 13:28

އަޒަރްބައިޖާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ނޮވެމްބަރުން 8 ގައި ދަތުރުތައް ފަށަން ތާވަލްކޮށްފައި ވާއިރު މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ.
އެ އެއާލައިނުން ރާއްޖެއަށް ކޮންމެ ހަފްތާއަކު ދެ ދުވަހު ދަތުރުތައް ކުރާނެ އެވެ. އެއީ ކޮންމެ ހުކުރު ދުވަހަކާއި އާދިއްތަ ދުވަހަކު އެވެ. އަދި ރާއްޖެއިން އަނބުރާ ދިއުން އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކާއި ހޯމަ ދުވަހަކު އެވެ.
ހަ ގަޑި އިރުގެ ދަތުރަށް އެ އެއާލައިނުން ބޭނުންކުރަނީ ބޮއިން 787 ގެ މަތިންދާބޯޓެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 633 ޑޮލަރެވެ.
އަޒަރްބައިޖާން އެއާލައިނުން މިހާރު ވެސް އަންނަނީ ދުނިޔޭގެ މަޝްހޫރު ސިޓީތަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބެއިޖިން، ލަންޑަން، ބާސެލޯނާ، ޕެރިސް އަދި މިލާން ފަދަ ސިޓީތައް ހިމެނެ އެވެ.
މިވަގުތު ރާއްޖެއަށް ތިރީހަކަށް އެއާލައިނުން ދަތުރުތައް ކުރެ އެވެ.