10 ސެޕްޓެމްބަރ 2024 - 22:34

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ މަސައްކަތުގައި އުޅުއްވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހަކާ އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިން ޝަރީފަށް ހަމަލާ ދިން މައްސަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހަދާފައިވަނީ މި މައްސަލާގައި ހައްޔަރުކުރި އިބްރާހީމް ޔުނައިސް، އުރަހަ، ލ. ގަން، ތުނޑި އާއެކުގަ އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ.
މި މައްސަލާގައި ދައުލަތުން ބުނެފައިވާ ގޮތުގައި އިބްރާހިމް ޔުނައިސް ވަނީ މެންހެޓަން ހޮޓެލްގެ ކޮޓަރިއެއްގައި ޝަރީފް ހުންނަވަނިކޮށް އެތަނަށް ވަދެ، "މަގުމަތިން ފެނިއްޖެއްޔާ ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރުދީފަ އެވެ.
ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާ އެ ކުށަށް އިއުތިރާފުވެއްޖެ ނަމަ، ދައުލަތުން އެއްބަސްވީ ޖޫރިމަނާގެ އަދަބެއް އިއްވުމަށެވެ.
ކްރިިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާއާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމަށް ބަލާއިރު މި ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ދެ މަސް ދުވަހާއި ބާރަ ދުވަސް ކަމަށާއި އޭގެ ތެރެއިން އޭނާ ބަންދުގައި ހޭދަކުރި 60 ދުވަސް އުނިކުރުމުން ތަންފީޒުކުރަން ޖެހޭ އަދަބަކީ ބާރަ ދުވަސް ކަމަށެވެ.
އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެއްބަސްވެފައިވާތީ 12 ދުވަހުގެ މުއްދަތަށްވާ ޖޫރިމަނާގެ 2400ރ. ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ޝަރީފަށް އިންޒާރުދީ ހަމަލާ ދިން މައްސަލާގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކުރި އެވެ.