01 މާޗް 2017 - 12:57

ބަޣުދާދު (މާޗް 1) - މޫސަލްގެ ހުޅަނގުގެ ހިސާބުތަކުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރުން ފިލަމުންދާ ކަމަށް އިރާގުގެ ފެޑެރަލް ޕޮލިހުގެ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.
ލެފްޓިނެންޓް ޖެނެރަލް ރާއިދު ޝާކިރު ޖައުދަތު ވިދާޅުވީ އައިއެސްގެ އެކަކު އަނެކަކާ މިހާރު ގުޅުން ކެނޑިފައިވާ ކަމަށާއި މޫސަލްގައި އައިއެސްގެ ބާރުގެ ދަށުގައިވާ މަދު ހިސާބުތަކުގައި ތިބި އެ ޖަމާއަތުގެ ލީޑަރުންތައް ވެސް ފިލަމުންދާ ކަމަށެވެ.
"އައިއެސް ޖަމާއަތް މިހާރު އޮތީ ބޮޑު ޝޮކެއްގައި. އެ ޖަމާއަތް މިހާރު ވަނީ ވިއްސިވިހާލިވެފައި،" ޖައުދަތު ވިދާޅުވި އެވެ.
މޫސަލްގެ އިރުމަތީގެ ހިސާބުތައް އިރާގު ސިފައިންގެ ބާރުގެ ދަށަށް ވަނީ މީގެ މަހެއްހާ ދުވަސްކުރިން ގެނެސްފަ އެވެ. އަދި ހުޅަނގުގެ ސަރަހައްދުތައް ހިފުމުގެ އޮޕަރޭޝަން މިހާރު ވަނީ ފަށައިފަ އެވެ. މޫސަލް ހުޅަނގުގެ ހިސާބުތައް އައިއެސްގެ އަތް ދަށުން ހިފުމުގެ ހަނގުރާމަ ފެށި ފަހުން 14،000 އާއްމުން ވެސް މިހާރު ވަނީ އެ ސިޓީ ދޫކޮށް ގޮހެވެ.
އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށަށް ގެންދިޔައީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އިއުލާން ކުރީ ވެސް މޫސަލްގަ އެވެ.