17 ސެޕްޓެމްބަރ 2024 - 17:22

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ތަރައްގީގެ ޕްލޭން ހަދާނެ ގޮތާއި އެކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށް، އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅޭ ގޮތުން އާއްމު ކުރެއްވި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް، ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުން އަދި އެކްސްޕާޓުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ޕްލޭންގެ މަސައްކަތް ފަށާނެ ކަމަށެވެ.
"މި ޕްލޭންއަކީ އަޅުގަނޑު ވައުދުވީ ގޮތަށް އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާ ޕްލޭނަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނަށް ވަކިން ހާއްސަކޮށް މިކަމަށް ހަދާ ގާނޫނަކާ އެކީ ހެދިގެންދާނެ ޕްލޭނަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
"މީގެ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވުރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން."
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގައި ޕްލޭނާ ގުޅޭ މަޝްވަރާތައް ހިނގާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީ މި ޕްލޭނާ އެކު ބައްޓަންވެގެންދާނެ ކަމަށެވެ. ވަރަށް ރަނގަޅު ބައިވެރިވުން ހިމެނޭ ފުރިހަމަ ތަރައްގީގެ މާސްޓަ ޕްލޭނެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި މަސައްކަތް ކުރަން އިރާދަކުރެއްވިޔާ މި ފަށަނީ. މިކަމަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެއް. އެންމެންގެ ބައިވެރިވުމާ އެކީގައި އެންމެންގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެންގެ ދަރީންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތަށް ވެގެންދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.