18 ސެޕްޓެމްބަރ 2024 - 14:56

ފެނަކައިގެ މުވައްޒަފުން އަހަރީ ޗުއްޓީއަށް ދިއުމުން އެލަވަންސްގެ ގޮތުގައި ދެމުން އައި ފައިސާ ދިނުން ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ.
ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާގައި ވަނީ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން މުވައްޒަފުން އަހަރީ ޗުއްޓީ ނެގުމުން، އެ މީހުންނަށް ދެމުން އައި އަސާސީ މުސާރައިގެ 60 ޕަސެންޓަށްވާ އެލަވަންސް ފައިސާ ދިނުން ހުއްޓާލަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އިއްޔެއިން ފެށިގެން އެ ފައިސާ ދިނުން ހުއްޓާލާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ސޮއި ކުރައްވައި، މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައިވެ އެވެ.
އެއާ އެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފެނަކައިގެ މުވައްޒަފުން ޗުއްޓީ ނެގުމުން، އަސާސީ މުސާރައިގެ 60 ޕަސެންޓް ކަނޑާލަން ކުންފުނިން ނިންމާފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.
އެ މައްސަލާގައި ފެނަކައިގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ފެނަކައިގެ މުވައްޒަފުންނަށް ލިބެމުން ދިޔައީ ވަރަށް ކުޑަ މުސާރައެއް ކަމަށްވާތީ އޭރު އަހަރީ ޗުއްޓީއަށް ދިއުމުން އެލަވަންސެއްގެ ގޮތުގައި އަސާސީ މުސާރައިގެ 60 ޕަސެންޓް ދެމުން ދިޔަ ކަމަށެވެ.
އެކަމަކު މިދިޔަ ހޯމަ ދުވަހު ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ޗުއްޓީ ނެގުމުން ދެމުން އައި އެލަވަންސް ހުއްޓާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިމަމް ވޭޖާ އެކު އެންމެ ކުޑަ މުސާރަ ކަނޑައަޅާފައި އޮތީމަ މިހާރު މުސާރަ ރަނގަޅުވެފައި މިވަނީ. އެހެންވީމަ އިތުރަށް ދެމުން އައި އެ ފައިސާ ކަނޑާލަން ނިންމީ. އެއީ އަސާސީ މުސާރައިން ކަނޑާލާ ފައިސާއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އެހެންކަމުން ޗުއްޓީ ނެގިޔަސް އަސާސީ މުސާރައިން ނުކަނޑާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.