20 ސެޕްޓެމްބަރ 2024 - 23:10

އައްޑޫ ހިތަދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ހިތަދޫގައި މީހަކަށް އަނިޔާކުރި ކަމުގެ ރިޕޯޓް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަނިޔާ ލިބުނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާއަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައި އޮތް އެ މިހާ އޮތީ ގޭގެ ގޯތި ތެރޭގައި ފާރެއް ކައިރީގަ އެވެ. އަދި އޭނާގެ މުޅި ގަޔާއި ފާރުގައި ވެސް ލޭ ހުއްޓެވެ. އޭނާގެ ބޯ ވެސް އޮތީ ދެތަނަކުން ފަޅާލައިފަ އެވެ. އޭނާ އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާތަން ވެސް އެ ވީޑިއޯގައި ފެނެ އެވެ.
އޭނާއަށް އަނިޔާކުރީ މޫނު ނިވާކޮށްގެން ތިބި ތިން މީހުންގެ ގްރޫޕަކުން އެ ގެއަށް ވަދެ އެވެ.