23 ސެޕްޓެމްބަރ 2024 - 06:03

ލުބްނާންގެ ހިޒްބުﷲ އިން ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފުމަށް ދިން ހަމަލާތަކުގައި ހިޒްބުﷲ އަށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށާއި މިއީ އެ ޖަމާއަތުން ހީ ވެސް ނުކުރާހާ ބޮޑު ގެއްލުމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.
"މިދިޔަ ދުވަސްތަކުގައި ހިޒްބުﷲ އަށް ބޮޑެތި ގެއްލުންތައް ދީފިން. މިއީ އެ މީހުން ދުވަހަކު ލަފާ ވެސް ކޮށްލެވިފައިނުވާހާ ގެއްލުން. މިވަރުން ހިޒްބުﷲ އަށް މެސެޖެއް ނުލިބޭ ނަމަ ޔަގީންކަމާ އެކު މި ބުނަނީ އަދި މެސެޖު ލިބޭނޭ،" ނަތަންޔާހޫ އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.
ނަތަންޔާހޫ މިހެން ބުނެފައި މި ވަނީ ވައިގެ މަގުން އިޒްރޭލުން ލުބްބާނަށް ވަރުގަޔަށް ބޮން އަޅަމުން ދަނިކޮށެވެ. އަދި ހިޒްބުﷲގެ މެމްބަރުންގެ ޕޭޖަރުތަކާއި ވޯކީޓޯކީތަކެއް ވެސް ގޮވައި އެތައް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މި ހަމަލާގެ ޒިންމާ އިޒްރޭލުން ނުއުފުލި ނަމަވެސް އެންމެންހެން ގަބޫލުކޮށްގެން ތިބީ މިއީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވަރުގަދަ އޮޕަރޭޝަނެއް ކަމަށެވެ.
ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ އިޒްރޭލު ސިފައިން ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލްކުރަމުން ގެންދާނެ ކަމަށާއި، މި ހަފުތާގެ ކުރީކޮޅުން ފެށިގެން ރަސްމީކޮށް އުތުރުގެ ރައްޔިތުން ގެއަށް އެނބުރި ގެޔަށް ދިއުން ވެސް ހިމެނޭ ކަމަށެވެ.