އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް، ފްލެޓެއް، ގެއެއް އެއްވެސް ތަނަކު ނެތް: ފައިސަލް
އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް، ފްލެޓެއް، ގެއެއް އެއްވެސް ތަނަކު ނެތް: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މާލެ އިން ބިމެއް ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، "މިހާރު އަބްދުއްރަހީމްގެ ފައިސަލް ވެސް މާލެ އިން ބިން ގަނެފި" ކަމަށެވެ.

އޭގެ ރައްދުގައި ފައިސަލް ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ޔާމީން ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ޒާތީ ވެގެން ޔާމީން ގަސްދުގައި ކުރައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް، ފްލެޓެއް، ގެއެއް އެއްވެސް ތަނަކު ނެތް. އަމިއްލަ ރަށުގައި ވެސް ނެތް. މާލޭގައި ވެސް ނެތް. ރަށަށް ދިޔަސް މި ހުންނަނީ އަޅުގަނޑުގެ ބައްޕަގެ ގޭގައި،" ރައްޔިތުންގެ މަޖިލިގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވިިގޮތުގައި، ޔާމީން ވަރަށް ބޮޑަށް ޒާތީވެ، އެ މަނިކުފާނުގެ ގާތް ބައެއް ބޭފުޅުން މަގުމަތިން ވެސް އޭނާއާ ދިމާކުރެ އެވެ. އޭގެ ބައެއް ކަންކަން ދާދި ފަހުން ވެސް ތަޖުރުބާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، "ރޯބުހުތާން ދޮގު" ހެދުން ހުއްޓާލައްވައި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުން ހުއްޓާލައްވަން ޔާމީނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

މި ސަރުކާރުގެ ބައެއް ވެރިންނަށް އިޝާރާތް ކުރައްވައި ޔާމީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ، ބިންތައް ގަތުމާއި ކޮރަޕްޝަންގެ ކަންތައްތަކުގައި "މުރާލި" ކަމަށެވެ،