07 އޮކްޓޯބަރ 2024 - 11:20

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ދެ ހަފުތާގައި ހުޅުމާލެއިން އެކަނި ވެސް 6،000 އަށް ވުރެ ގިނަ އުޅަނދު ޗެކްކޮސް އަދި ގަވާއިދާ ހިލާފްވި ގިނަ ބަޔަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 12 އިން ފެށިގެން 30 ގެ ނިޔަލަށް ހުޅުމާލެއިން ހުއްޓުވައި ޗެކްކުރީ 1،266 ކާރާއި 5،427 ސައިކަލެވެ. އަދި ގަވާއިދާ ހިލާފްވި 482 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އޭގެ ތެރޭގައި ލައިސެންސް ނެތި ދުއްވި 10 ކާރާއި 102 ސައިކަލު ހިމެނެ އެވެ. އަދި ޓްރެފިކް ގަވާއިދުތަކާ ހިލާފްވެގެން 148 ސައިކަލާއި 34 ކާރެއް ހިފެހެއްޓިއިރު، ނުރައްކާތެރިކޮށް ދުއްވައިގެން ތިން ކާރާއި 40 ސައިކަލެއް ހިފެހެއްޓި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ޓްރެފިކް ގަވާއިދުތަކާ ހިލާފްވި އިތުރު 500 އަށް ވުރެ ގިނަ މީހުންނަށް ނަސޭހަތް ދީފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވެފައި ވަނިކޮށް ފުލުހުން މަގުތަކަށް ނިކުމެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅު ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 2،100 އެކްސިޑެންޓް ހިނގާފައިވެ އެވެ.