04 މާޗް 2017 - 06:02

މޮޓޮރޯލާ މޯބިލިޓީގެ މިލްކުވެރިއަކީ ލެނޮވޯ އެވެ. ލެނޮވޯއަކީ ޗައިނާ ކުންފުންޏެކެވެ. ލެނޮވޯއިން މޮޓޮރޯލާ މޯބިލިޓީ އަމިއްލަކުރީ 2014 ވަނަ އަހަރު އެވެ. އޭގެ ކުރިން މޮޓޮރޯލާ މޯބިލިޓީގެ ވެރިއަކީ ގޫގުލް އެވެ.
ލެނޮވޯއިން މޮޓޮރޯލާ މޯބިލިޓީ ގަތުމަށް ފަހު "މޮޓޮރޯލާ"ގެ ނަމަށް އެހާ ސަމާލުކަމެއް ނުދެ އެވެ. ލެނޮވޯއިން މަސައްކަތްކޮށްފައި ވަނީ ކޮންމެވެސް ގޮތަކުން މޮޓޮރޯލާގެ ނަން ފަނޑުކޮށްލެވޭތޯ އެވެ.
އެމެރިކާ މީހުންނަށް ލެނޮވޯ އެނގެންފެށީ 2005 ވަނަ އަހަރު ތެރޭގައި، ލެނޮވޯއިން އެމެރިކާގެ "އައިބީއެމް" ކޮމްޕިއުޓަރު ވިޔަފާރި ގަތް ހިސާބުންނެވެ. އޭގެ ކުރީގައި ލެނޮވޯ އަކީ ދުނިޔޭގައި ވެސް އާންމު ނަމެއް ނޫނެވެ.
ގޫގުލް އަތުން މޮޓޮރޯލާ ގަތުމަށް ފަހު ލެނޮވޯއިން އުފެއްދި މޮޓޮރޯލާ ސްމާޓްފޯނުތަކުގައި "މޮޓޮރޯލާ"ގެ ނަން ބޭނުންކުރުން މަދުކުރި އެވެ. އެ ގޮތުގަައި ފޯނުތަކަށް "މޮޓޯ ޒީ ޕްލޭ"، "މޮޓޯ ޒީ" އަދި "މޮޓޯ ޒީ ފޯސް" ފަދަ ނަންތައް ކިޔެވެ.
މޮޓޮރޯލާ އަކީ ބައެއް ގައުމުތަކުގައި ޝަރަފުވެރި، ބާރުގަދަ ނަމެކެވެ. އަދި ލެނޮވޯ އަށް ވުރެ ކާމިޔާބު ވިޔަފާރިއެކެވެ. ލެނޮވޯ ފޯނުތަކަށް ވުރެ ގިނައިން މޮޓޮރޯލާ ފޯނުތައް އެ ގައުމުތަކުގައި ވިިކެ އެވެ.
ލެނޮވޯއިން މިހާރު ވިސްނަނީ ސްމާޓްފޯނުތަކުގައި "މޮޓޮރޯލާ" މަރުކާ ފުރިހަމަ އަށް ބޭނުންކުރުމަށެވެ. އެ ގޮތުގައި މޮޓޮރޯލާގެ ނަމާއި ވާލު ފިޔަގަނޑެއްހެން ފެނަން މޮޓޮރޯލާ "އެމް" ލޯގޯ ބޭނުންކުރުމަށެވެ. ލެނޮވޯ ބުނާ ގޮތުގައި އެއީ ވިޔަފާރި އަށް ރަނގަޅު ފާލަކަށް ވާނެ އެވެ.
ލެނޮވޯއިން މޮޓޮރޯލާގެ ނަމުގައި އުފައްދާ ސްމާޓްފޯން މޮޑެލްތައް ނެރޭނެ ކަމަށް ބުނަނީ މޮޓޮރޯލާ ދަންނަ އަދި މަޝްހޫރު މާކެޓްތަކަށެވެ. އަދި ހަމަ އެ ފޯނުތައް ލެނޮވޯގެ ނަމުގައި، ލެނޮވޯ ފޯނުތަކަށް ލޯބިކުރާ އާބާދިތަކަށް ތައާރުފުކުރާނެ އެވެ.