11 އޮކްޓޯބަރ 2024 - 14:54

މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އެ ސަރަހައްދަކީ ވާރޭ ވެހިއްޖެ ނަމަ އަބަދުވެސް ފެންބޮޑުވާ ސަރަހައްދެކެވެ. ދެތިން ދުވަސް ވާއިރު ވެސް އެ ސަރަހައްދުން ފެން ނުހިނދޭކަމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރެ އެވެ.

ރޭ ފަތިހުން ފެށިގެން ވެހުނު ވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި އޮތް ނަމަވެސް އައިޖީއެމްއެޗް ސަރައްދުގައި ފެންބޮޑެއް ނުވެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު އެ ސިސްޓަމް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ސޯޝަލް ސެންޓަރުން ފެށިގެން ހިރިޔާ ސްކޫލާ ހަމައަށް ފެން ބޮޑުވެފައި އޮތް ނަމަވެސް ތާޖުއްދީން ސްކޫލުން ފެށިގެން އަމީނީ މަގާ ހަމައަށް ފެން ބޮޑެއް ނުވެ އެވެ.
އެ ސިސްޓަމް މިއަދު ބޭނުން ކުރަން ފަށާފައިވާއިރު، އެމްއެންޑީއެފުން ވެސް އަންނަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުރަމުންނެވެ.
މޫސުން ގޯސްވެ, މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ވަނީ ވައިޓް އެލާޓް އަދި ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އޮފީހުން ލަފާކޮށްފައިވެ އެވެ.
ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.