13 އޮކްޓޯބަރ 2024 - 06:09

ލުބްނާންގައި ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅުނު ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮވި ހާދިސާއަށް ފަހު އީރާންގެ ވައިގެ ދަތުރުތަކުގައި މި މަނާކުރީ މި ހަފްތާ ތެރޭގަ އެވެ.
"މޯބައިލް ފޯނު ފިޔަވައި އިލެކްޓްރޯނިކް މުއާސަލާތީ އެހެން އެއްވެސް ވަސީލަތެއް، ފްލައިޓް ކެބިންތެރެއަށް ނުވަތަ ޗެކްޑް ބެޖޭޖަށް ލުން ވަނީ މަނާކޮށްފައި،" އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ތަރުޖަމާނު ޖަޢުފަރު ޔަޒަރްލޯގެ ހަވާލާދީ އައިއެސްއެންއޭ ނިއުސް އޭޖެންސީން ބުނެފައިވެ އެވެ.
ލުބްނާންގައި ޕޭޖަރާއި ވޯކީޓޯކީން މީގެ ތިން ހަފްތާ ކުރިން ހަމަލާދީ 39 މީހަކު މަރާލާފައިވެ އެވެ.
މި ހަމަލާގައި 3،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި މި ހަމަލާގެ ޒިންމާ އިޒްރޭލުން ނަގަންޖެހޭ ކަމަށް އީރާނާއި ހިޒްބުﷲ އިން ބުނެފައިވެ އެވެ.
ދުބާއީގައި ހިންގާ އެމިރޭޓްސް އެއަރލައިންސްއިން ވަނީ އެ ކުންފުނީގެ މަތިންދާބޯޓުތަކުގައި ޕޭޖަރާއި ވޯކީޓޯކީ ބޭނުންކުރުން ކުރިން މަނާކޮށްފަ އެވެ.
ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އީރާނާ ގުޅުން އޮންނަ ލެބަނަން، އިރާގު، ސީރިއާ އަދި ޔަމަނުގެ ޖަމާޢަތްތަކުގެ ސަބަބުން ސަރަޙައްދުގެ ހަމަނުޖެހުން އިންތިހާއަށް އިތުރުވެފައިވެ އެވެ.
ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި، ގިނަ އެއާލައިންތަކަކުން ވަނީ އީރާނަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ބުނެފަ އެވެ. -- އޭއެފްޕީ