13 އޮކްޓޯބަރ 2024 - 23:15

ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކުރަން ނިންމައި ޓޫރިޒަމް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މިހާރު 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަނީ ބޮލަކަށް ހަ ޑޮލަރެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަނީ ތިން ޑޮލަރެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. މިއީ ކުރިން ދައްކަމުން އައި އަދަދަށް ވުރެ 100 ޕަސެންޓު އިތުރު އަދަދެކެެވެ.
ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާކަން ސަރުކާރުން ހުށަހެޅި މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގައި ވެސް ބުނެފައިވެ އެވެ. އެބަދަލު ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
ނަމަވެސް އެ އަދަދުތަކަށް ބަދަލު ގެންނަ އިރު ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މި ބިލުގެ އިތުރުން ޓީޖީއެސްޓީ އާއި އެއާޕޯޓް ޗާޖު ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ތިން އިސްލާހުގެ ފުރަތަމަ ކިޔުން މާދަމާ މަޖިލީހުގައި އޮންނާނެ އެވެ.