17 އޮކްޓޯބަރ 2024 - 08:39

ކުރީގެ މަޝްހޫރު ބޯއީ ބޭންޑް "ވަން ޑިރެކްޝަން"ގެ މެމްބަރެއް ކަމަށްވާ އިނގިރޭސި ލަވަކިޔުންތެރިޔާ ލިއަމް ޕޭން ބެލްކަންޏަކުން ވެއްޓިގެން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ ލިއަމް މަރުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އަރިރެސްގައި ހުންނަ ހޮޓަލެއްގެ ތިންވަނަ ފުލޯއިން ވެއްޓިގެންނެވެ. އޭނާ މަރުވިކަން އާޖެންޓީނާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އާޖެންޓީނާގެ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލިއަމްގެ ހަށިގަނޑު ފެނުނީ ބުއެނޯސް އަރިރެސްގެ ޕަލެރްމޯ ސަރަހައްދުގައި ހުރި ހޮޓަލަކުން 911 އަށް ގުޅުމާ ގުޅިގެން ފުލުހުންގެ އިމަޖެންސީ ޓީމެއް އެތަނަށް ދިޔުމުން ކަމަށެވެ. އެއީ މަސްތުގެ ހާލަތުގައި ހުރި މީހެއްގެ އުނދަގޫ ބޮޑުވެގެން ލިބުނު ރިޕޯޓެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ ތަނަށް ދިޔުމުން، ހޮޓަލުގެ ތިރިން ބާރު އަޑެއް އިވިފައިވާ ކަމަށް އެތާ ތިބި ބައެއް މީހުން ބުނި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ލިއަމްގެ ހަށިގަނޑު ފެނުނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ލިއަމްގެ ހަށިގަނޑުގައި ވަރަށް ބޮޑެތި ޒަހަމްތައް ހުރި ކަމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބީބީސީގައި ބުންޏެވެ.
ނަމަވެސް، އޭނާ ބެލްކަނީން ވެއްޓުނު ގޮތާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އޭނާ މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެ ހޮޓަލްގައި ހުރެ ސްނެޕްޗެޓް ވީޑިއޯއެއް ވެސް ނަގައި ޕަބްލިކްގައި ޝެއާކޮށްފަ އެވެ.
ލިއަމް މަޝްހޫރުވީ 2010 ވަނަ އަހަރު ރިއަލިޓީ ޝޯ އެކްސް ފެކްޓާއިން އުފަންވި ބޯއީ ބޭންޑް "ވަން ޑިރެކްޝަން" އިންނެވެ. އެ ބޭންޑުގައި ދެން ހިމެނެނީ ހޭރީ ސްޓައިލްސް، ލުއިސް ޓޮމްލިންސަން، ނައިލް ހޯރަން އަދި ޒެއިން މަލިކް އެވެ. ކާމިޔާބު ގިނަ އަލްބަމްތަކެއް ނެރުމަށް ފަހު އެ ބޭންޑް އުވާލީ 2015 ވަނަ އަހަރު އެވެ.
ބޭންޑް އުވާލުމަށް ފަހު މި ހުރިހާ ލަވަކިޔުންތެރިން ވެސް މަސައްކަތްކުރަމުން އަންނަނީ ވަކިންނެވެ. ލިއަމް ވެސް އޭނާގެ އަމިއްލަ ލަވަތައް ގެނެސްދިނެވެ.