މޫސަލްގައި ފުރަތަމަ ފަހަރަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެފި
މޫސަލްގައި ފުރަތަމަ ފަހަރަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެފި

ބަޣުދާދު (މާޗް 4) - އިސްކާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައިވާ އިރާގުގެ މޫސަލްގައި ފުރަތަމަ ފަހަރަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށާއި އެ ހަމަލާގައި 12 މީހަކު ޒަޚަމްވެފައިވާ ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.

ރެޑް ކްރޮސްގެ ޑޮކްޓަރަކު ބުނީ މޫސަލްގެ 11 އަހަރުގެ ކުއްޖަކަށް ނޭވާލާ ނިޒާމަށާއި ހަމައަށް ބައްޔެއް ޖެހިފައިވާ ކަމަށެވެ. ކެމިކަލް ހަމަލާގައި އެއް މަހުގެ ކުއްޖަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ކެމިކަލް ހަމަލާގައި ބޭނުންކޮށްފައި ވަނީ ކޮން ބާވަތެއްކަން ނޭނގޭ ކަމަށް ޑޮކްޓަރު ބުންޏެވެ.

މޫސަލް އަށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދީފައިވާ ކަމަށް ބުނެފައި ވަނީ އެ ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ދިން މޯޓަރު ބަޑީގެ ހަމަލާއަކަށް ފަހު އެވެ. އެ ހަމަލާ އަށް ފަހު އާދަޔާޚިލާފު ވަހެއް ދުވި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ރެޑް ކްރޮސް އިން ބުނީ ކެމިކަލް ހަތިޔާރުގެ އަސަރު ކޮށްފި ނަމަ ހަމުގައި ފޮޅުތަކެއް ނަގާ، ލޯ ރަތްވެ، ގައި ކަހާ، ހޮޑުލެވި އަދި ކެއްސާނެ ކަމަށެވެ. ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެކެވެ.

ކެމިކަލް ހަތިޔާރުގެ ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. މޫސަލްގެ އިރުމައްޗަށް މޯޓަރު ހަމަލާދީފައި ވަނީ އެ ސިޓީގެ ހުޅަނގުން ކަމަށް ބުނެފައިވެ އެވެ. އެ ހިސާބުގެ ކޮންޓްރޯލް އޮތީ އައިއެސްގެ ބާރުގެ ދަށުގަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ މި މައްސަލައާ ގުޅޭ ރިޕޯޓް ލިބިފައިވާ ކަމަށާއި ރެޑް ކްރޮސްއާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށެވެ.