09 ނޮވެމްބަރ 2024 - 17:54

ޕާކިސްތާނުގެ ބަލޯޗިސްތާންގެ ރެއިލްވޭ ސްޓޭޝަނެއްގައި މިއަދު ބޮމެއް ގޮއްވާލުމުގެ ސަބަބުން 26 މީހަކު މަރުވެއްޖެ އެވެ.

ބަލޯޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކަމަށްވާ ކޫއީތާގެ ރެއިލްވޭ ސްޓޭޝަންގައި ބޮން ގޮއްވާލާފައި ވަނީ ފަސިންޖަރުން ރޭލުގެ އިންތިޒާރުގައި މަޑުކޮށްގެން ތިއްބަ އެވެ.

"މި ހަމަލާގައި ސިފައިންގެ 14 މީހަކާއި އާންމުންގެ 12 މީހަކު ވަނީ މަރުވެފައި،" ކުއެޓާގެ ސަންޑޭމަން ޕްރޮވިންޝަލް ހޮސްޕިޓަލްގެ ތަރުޖަމާނު ވަސީމް ބޭކް ވިދާޅުވި އެވެ.
މީގެ އިތުރުން ސަލާމަތީ ބާރުތަކުގެ 46 މީހަކާއި އާންމުންގެ 14 މީހަކު ޒަހަމްވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މަންޒަރު ދުށް އޭއެފްޕީގެ ނޫސްވެރިޔަކު ބުނީ ބާރުގަދަ ގޮވުމަށް ފަހު މުޅި ތަން އޮތީ ލެއިން ތަތްތެޅިފައި ކަމަށާއި މީހުންގެ ދަބަސްތަކާއި އެކި ތަކެތި ފަޅައިގެން ގޮސް މުޅި ތަނަށް ބުރައިގެން ގޮސްފައިވާ ކަމަށެވެ.
ބަލޫޗިސްތާނުގައި ހަމަލާތައް ދިނުމަކީ އާންމު ކަމަކަށް ވެފައި ވިޔަސް މިއަދުގެ ހަމަލާ އަކީ، އަފްޣާނިސްތާނާއި އީރާނާ ގުޅިފައިވާ ހުޅަނގު ދެކުނު މި ޕްރޮވިންސްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި އެއް ހަމަލާ އެވެ.
ހެނދުނު 8:45 ހާއިރު ދިން މި ހަމަލާގެ ޒިންމާ އެ ސަރަހައްދުގެ ހަނގުރާމަވެރި އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އުފުލައިފަ އެވެ.
މި ހަމަލާ ދީފައިވަނީ "ކުއެޓާ ރޭލްވޭ ސްޓޭޝަންގައި ހުންނަ ޕާކިސްތާނުގެ އަސްކަރިއްޔާގެ ޔުނިޓަކަށް... އިންފެންޓްރީ ސްކޫލުން ކޯހެއް ނިންމުމަށް ފަހު،" ބީއެލްއޭ އިން ބުންޏެވެ.
ޕާކިސްތާނުގެ ރަސްމީ ނޫސް އެޖެންސީ، އެސޯސިއޭޓެޑް ޕްރެސް އޮފް ޕާކިސްތާނުން ރޭލްވޭގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ޓިކެޓް ބޫތު ކައިރީގައި ބޮން ގޮއްވާލީ ދެ ރޭލެއް ފުރަން ތައްޔާރުވި ވަގުތު ކަމަށެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ ހަމަލާދިން މީހުން މިކަމުގައި "އަދާކުރަންޖެހޭ އަގު ވަރަށް ބޮޑުވާނެ" ކަމަށެވެ.
މިދިޔަ އޯގަސްޓް މަހު ވެސް ބީއެލްއޭ އިން ވަނީ މަގުމަތިން މީހުން ހުއްޓުވައި ފާސްކުރުމަށް ފަހު 39 މީހަކު އޭގެ ތެރެއިން މަރާލައިފަ އެވެ.
ބަލޯޗިސްތާނަކީ ގުދުރަތީ މުއްސަނދިކަން ބޮޑު އެކަމަކު ޕާކިސްތާނުގެ އެންމެ ފަގީރު ސަރަހައްދެވެ. އެހެންވެ އެ ސަރަހައްދުގެ ރައްޔިތުންނަށް ހައްގު ހޯދައިދޭން ވަކި ވެރިކަމެއް ގާއިމުކުރުމަށް ކަމަށް ބުނެ ބީއެލްއޭ އިން މީގެ ކުރިން ވަނީ އެ ސަރަހައްދުގައި ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ. ހާއްސަކޮށް، ޗައިނާގެ ޕްރޮޖެކްޓްތަކަށް ހަމަލާތައް ގިނަ އެވެ.