06 މާޗް 2017 - 12:19

ފެނާއި ގޭހާއި އެކި ކަހަލަ މުދާ، ފިހާރަތަކާއި ގޭގެ އަށް ގެންގޮސްދޭނެ ވަގުތަކާ މެދު ހިޔާލު ހޯދަން ކަމާ ގުޅޭ ފަރާތްތަކާއެކު ޓްރާންސްޕޯޓް އޮތޯރިޓީން އަލުން މަޝްވަރާ ކުރަން ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު "މިހާރު" އަށް ވިދާޅުވީ ފެނާއި ގޭހާއި އެކި ކަހަލަ މުދާ އުފުލާނެ ވަގުތެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެ ފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކާ މެދު މަޝްވަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި މަޝްވަރާތަކުގައި އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށްވާތީ މިފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ޝަކުވާތައް އަޑު އަހައި ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގަވާއިދަށް އަމަލު ކުރާނެ ވަކި ދުވަހެއް އަދި ބުނާކަށް ނޭނގޭ،" މަހުދީ ވިދާޅުވި އެވެ.
މާލޭގައި އާންމުކޮށް ގޭސް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވް ގޭސް އާއި ވިލާ ގޭހެވެ. އަދި ފެން ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅެނީ އެމްޑަބްލިޔުއެސްސީންނާއި ލައިފް ކުންފުނިންނެވެ. އޭގެ އިތުރުން ބައެއް މުދާތައް މާލޭގެ އެކި ފިހާރަތަކަށް ޑެލިވަރީ ކުރެ އެވެ.
ފެނާއި ގޭހާއި އެކި ކަހަލަ މުދާ، ފިހާރަތަކާއި އެކި ތަންތަނަށް އުފުލަން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި ވަގުތުތަކަށް އަމަލު ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.
ޓްރާންސްޕޯޓުން ކުރިން ކުރި އިއުލާނުގައިވާ ގޮތުން އެއްގަމު އުޅަނދުތަކުގައި ފެނާއި ގޭހާއި މުދާތައް އުފުލޭނީ ހެނދުނު 9-10 އަށް، މެންދުރު ފަހު 3-5 އަށް އަދި އިރުއޮއްސި 6:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހައެއް ޖެހުމާ ދެމެދުގަ އެވެ.
ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުތަކުގައި މިފަދަ މުދާ އުފުލާއިރު ގިނަ ފަހަރަށް ޓްރެފިކް ޖޭމްވެ، ބޮޑެތި އުނދަގޫތައް ކުރިމަތިވެ އެވެ.