18 ނޮވެމްބަރ 2024 - 20:01

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަން ކުރައްވައިފި އެވެ.
ހަލީލް އަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ ކުންފުނި، ޕަލްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް އަދާކުރައްވަމުން ގެންދަވާ އަދި މަންތާ އެއާ ފަދަ ކުންފުނިތަކުގެ ވެސް ހިއްސާދާރެކެވެ.
އޭނާ އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފައިވާ އިރު މި ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ހެދި ގަވައިދަށް އޭނާގެ ޕަލްސް ކުންފުނިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
އެ މައްސަލާގައި ރައީސް ޑރ. މުއިއްޒު ރޭ ވަނީ އެ ނިންމެވުން ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރުން ކުރިއަށްދާ ނަމަ ވާނެ ފައިދާތައް ކަނޑައެޅީ ފަންނީ ގޮތެއްގައި ދިރާސާތައް ކުރުމަށް ފަހު ކަމަށެވެ.