23 ނޮވެމްބަރ 2024 - 12:14

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބު މިއަދު ފަށައިފި އެވެ.

ޕީއެންސީގެ އޮފީޝަލަކު ވިދާޅުވީ އެ ޕާޓީގެ އިންތިހާބު މިއަދު ހެނދުނު 10:00 ގައި ފަށާފައިވާ ކަމަށާއި މެންދުރު ފަހު 2:00 އާ ހަމައަށް ވޯޓުލުން ކުރިޔަށްދާނެ ކަމަށެވެ.
އެ އިންތިހާބުގައި ޕާޓީގެ އިސް މަގާމުތަކާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޕާޓީން ރަށްރަށުގައި ހިންގާ ހަރަކާތްތަކުގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރާނެ އެވެ. ދާއިރާއެއްގެ މަޖިލިސް މެންބަރަކީ ޕީއެންސީ ބޭފުޅެއް ނަމަ ދާއިރާގެ ރައީސްކަން އިންތިހާބަކާ ނުލައި ދޭ ގޮތަށް އޮންނާތީ އިންތިހާބު ބާއްވާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގަ އެވެ. ނަމަވެސް، ދާއިރާގެ ނައިބު ރައީސުން ހޮވަން ހުރިހާ ދާއިރާއެއްގެ އިންތިހާބު ވެސް އޮންނާނެ އެވެ.
ސްޓިއަރިން ކޮމިޓީތައް ވެސް އިންތިހާބު ކުރަން ވޯޓު ދެމުން ދާއިރު ކޮންމެ ރަށެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާރުގެ ރައީސް އަދި ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސުން އިންތިހާބު ކުރާނެ އެވެ. އެއީ 420 މަގާމެވެ.
އެ ޕާޓީން ބުނި ގޮތުގައި މި އިންތިހާބުގައި 1،984 މަގާމަކަށް މި އިންތިހާބުގައި މީހުން އިންތިހާބުކުރާނެ އެވެ. ނަމަވެސް އިންތިހާބަކާ ނުލައި ބައެއް މަގާމުތަކަށް މީހުން ވަނީ ހޮވިފަ އެވެ. އެހެންވެ ކެންޑިޑޭޓުންގެ އަދަދަކީ 667 އެވެ. އިންތިހާބުގައި 143 ވޯޓު ފޮށި ބަހައްޓާފައި ވާއިރު އޭގެ ތެރެއިން 53 ފޮށި ހުރީ މާލޭގަ އެވެ. އަދި މާލެއާ އެކު 90 ރަށެއްގައި ވޯޓުލުން ކުރިއަށްދެ އެވެ.
ޕީއެންސީގެ ދަފްތަރުގައި 62،000 މީހުން ތިބެ އެވެ. ނަމަވެސް މިއަދު ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 34،904 މީހަކަށެވެ.
ޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއީ މިހާތަނަށް ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބަަށް ވާނެ އެވެ.