ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލާ "އަނބު މަޖާ" މާދަމާ
ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލާ "އަނބު މަޖާ" މާދަމާ

އެކި ދާއިރާތަކުން ކުދި ވިޔަފާރިތައް ހިންގާ ހުނަރުވެރި 14 ދިވެއްސެއްގެ މަސައްކަތްތައް ދައްކާލާ ޕޮޕްއަޕް އިވެންޓެއް ކަމަށްވާ "އަނބު މަޖާ" މާދަމާ އޮންނާނެ އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު "އަނބު މަޖާ"ގެ ނަން މި އިވެންޓަށް ދީފައިވަނީ މަޖާ ފަދައިން ދިވެހި އެކި ރަހަތައް މި އިވެންޓުގައި ހިމެނޭތީ ކަމަށް އިވެންޓް އޮގަނައިޒްކުރާ ޓީމުން ބުންޏެވެ. "އަނބު މަޖާ" އިވެންޓުގައި ދިވެހި ބޭކަރުންނާއި އާޓިސްޓުން އަދި ތަފާތު އަތްތެރި މަސައްކަތްތައް ކުރާ ފަރާތްތައް ބައިވެރިވާނެ އެވެ.

ފަރީދީ މަގުގައި ހުންނަ ހައުސް އޮފް ފްލޭވާސްގައި ހުކުރު ދުވަހު ހަވީރު ފަށާ މި ހަރަކާތުގައި ގިނަ ވައްތަރުތަކެއްގެ ދިވެހި އުފެއްދުންތައް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި އަތުން ހަދާފައިވާ ގަހަނާ އާއި ކުޑަކުދިންގެ ކުޅޭ ސާމާނާއި އާޓްވޯކުތަކާއި ދިވެހިން ފަރުމާކޮށްފައިވާ ޓީޝާޓުތައް ފަދަ ތަކެތި ހިމެނެ އެވެ. އަދި މި ހަރަކާތުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތުތައް ވެސް ލިބެން ހުންނާނެ އެވެ.

މި ޕޮޕްއަޕް އިވެންޓުގައި ބައިވެރިވާ ވިޔަފާރިތަކަކީ:

- އެންދެރި އާޓިސަން

- ފަރަ ހިއުސް

- ލިންކޯ

- ނިޓެޑް ކަލެކްޝަން

- އަމާލްސް ޑިޒައިންސް

- ހެލްތު އެންޑް ވެލްބީންގް މޯލްޑިވްސް

- އާޓް ފޮށި

- ހެމް ކުއީން

- ލަނާލާ

- ކުޅެމާ

- ލަވަލިއާ

- ބަން އެޕަޓީޓް

- އިސްމާއިލް މާއިޝް

- ތަކެތި

މި ހަރަކާތުގައި "އީސަ އެންޑް ފްރެންޑްސް"ގެ ހިތްގައިމު މިޔުޒިކީ ހުށަހެޅުންތަކެއް ކުރިއަށް ދާނެ އެވެ.

"އަނބު މަޖާ" އޮންނާނީ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10:30 އަށެވެ.