28 ނޮވެމްބަރ 2024 - 21:28

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ގްލޯބަލް ސިޓިޒަން އެވޯޑު މިއަދު ލިބިވަޑައިގެންފި އެވެ.
ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގެ ރޮނގުން ނަޝީދު ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑު ދެއްވީ، ރެސިޑެންސް އެންޑް ސިޓިޒަންޝިޕްގެ ތަޖުރިބާކާރު ފާމް، ހެންލީ އެންޑް ޕާޓްނާސް އިން ސިންގަޕޫރުގައި ބާއްވާ 18 ވަނަ ކޮންފަރެންސްގަ އެވެ.
އެ އެވޯޑާ އެކު، އިޓަލީގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ އެންޓޯނިއޯ ނޯސެރާ ޑިޒައިންކޮށްފައިވާ މެޑަލަކާއި ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ ޗެއާމަން ސޮއިކުރެއްވި ސެޓްފިކެޓު އަދި 20،000 ޑޮލަރު ލިބިވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެން ނަޝީދު މިހާރު ދިރިއުޅުއްވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ގާނާގަ އެވެ.
ބޭރުގެ ނޫހެއްގައި ބުނީ އެ ފޯރަމް ހިންގުމުގެ އިސްވެރިއެއްގެ ހައިސިއްޔަތުން 70 ގައުމެއް ތަމްސީލުކޮށް، ވަކާލާތުކުރެއްވުމުގެ މަސައްކަތް ނަޝީދު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން ރާއްޖެ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ކްލައިމެޓް ރެޒިލިއަންސް ޕްރޮޖެކްޓްތައް ހިންގުމުގައި އެ މަނިކުފާނު އުޅުއްވި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަޝީދުގެ އިސްނެންގެވުމުގެ ސަބަބުން ދުނިޔޭގެ މޫސުމީ ސިޔާސަތު ވަރަށް ބޮޑަށް ބައްޓަންކުރެވިފައިވާ ކަމަށާއި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުން ރަނގަޅުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ގްލޯބަލް ސިޓިޒަން އެވޯޑް ހޮވުމުގެ މަރުހަލާ ބިނާވެފައި ވަނީ ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަށެވެ.
ހެންލީ އެންޑް ޕާޓްނާސް އިން، ގްލޯބަލް އެވޯޑު ލިބިވަޑައިގަންނަވާ ބޭފުޅުންނާއެކު އެއް އަހަރު މަސައްކަތްކުރާނެ އެވެ. އެ މުއްދަތުގައި، މަސައްކަތަށް ހޭލުންތެރިކަން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.