ޣައްޒާގައި އިޒްރޭލުން ކުރާ ކަމަކީ ނަސްލު ނައްތާލުން: އެމްނެސްޓީ
ޣައްޒާގައި އިޒްރޭލުން ކުރާ ކަމަކީ ނަސްލު ނައްތާލުން: އެމްނެސްޓީ

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުން ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް އެ ޖަމިއްޔާގެ އާ ރިޕޯޓެއްގައި ބުނެފި އެވެ.

ޣައްޒާގައި އިޒްރޭލުން ކުރާ ކަމަކީ ނަސްލު ނައްތާލުން: އެމްނެސްޓީ
ޣައްޒާގައި އިޒްރޭލުން ކުރާ ކަމަކީ ނަސްލު ނައްތާލުން: އެމްނެސްޓީ

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަމަލާތަކާ ގުޅޭ ގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓްގައި ސީރިއަސް އެތައް ކަމެއް ފާހަގަކޮށްފައި ވާއިރު މިއީ އިޒްރޭލުގެ އަމަލުތަކާ މެދު ދުނިޔެ ހޭލަންވީ ވަގުތު ކަމަށް ވެސް ބުނެފައިވެ އެވެ.

ޣައްޒާގައި އިޒްރޭލުން ކުރާ ކަމަކީ ނަސްލު ނައްތާލުން: އެމްނެސްޓީ
ޣައްޒާގައި އިޒްރޭލުން ކުރާ ކަމަކީ ނަސްލު ނައްތާލުން: އެމްނެސްޓީ

އެމްނެސްޓީން ބުނީ އެ ޖަމިއްޔާގެ ހޯދުންތައް ބިނާވެފައި ވަނީ އިޒްރޭލު ސަރުކާރާއި އަސްކަރީ އޮފިޝަލުންގެ އިންސާނިއްޔަތާ ހިލާފު ވާހަކަތަކާއި ހަމަލާތަކުގައި ދީފައިވާ ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކާއި އެ ތަންތަނަށް ގޮސް ބަލައި އެއްކުރި މައުލޫމާތު އަދި ޣައްޒާގެ އާންމުންގެ ބަޔާންތަކުގެ މައްޗަށް ކަމަށެވެ.

"ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަކީ އިންސާނީ ހައްގުތަކާއި ކަރާމާތް ނެތް، ދަށު ދަރަޖައެއްގެ އިންސާނުންގެ ގޮތުގައި އިޒްރޭލުގެ އަމަލުތައް ބަހައްޓައި އަދި އެ މީހުން [ދުނިޔެއިން] ނައްތާލުމުގެ ނިޔަތް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުން،" އެމްނެސްޓީގެ ވެރިޔާ އަންޔެސް ކެލަމާޑް ނެރުއްވި ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެންނަށް މި ފެނުނު ހިތާމަވެރި ކަންކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ހޭލައްވާލަދޭނެ މެސެޖެއް: މިއީ ނަސްލު ނައްތާލުން. މިކަން ވަގުތުން ހުއްޓުވަންނެޖޭ."

އިޒްރޭލުން ޣައްޒާއަށް މިފަހަރު ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގަ އެވެ. އެކަމަކު އިޒްރޭލުގެ އަމަލުތައް ހުރީ ފަލަސްތީނުގެ ނަސްލު ޣައްޒާއިން ނައްތާލުމުގެ ނިޔަތުގައި ކަމަށް ބުނާތީ އިޒްރޭލުން އެ ތުހުމަތު ދޮގުކޮށް ކޮންމެ ފަހަރަކު ވެސް ބުނަނީ ހަމާސް އިން އާންމު ރައްޔިތުން އައްޑަނައިގެ ގޮތުގައި ބޭނުންކުރަނީ ކަމަށެވެ.

"އިޒްރޭލުގެ އަސްކަރީ މަގްސަދުތަކެއް އެބަހުރި ކަމާ މެދު އެއްވެސް ސުވާލެއް ނެތް. އެކަމަކު އަސްކަރީ މަގްސަދުތައް އޮތުމަކީ، އެ އަމަލުތަކުގައި ނަސްލު ނައްތާލުމުގެ ނިޔަތް ނެތްކަމަށް ބުނެ ދެއްކޭނެ ހުއްޖަތެއް ނޫން،" އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ކެލަމާޑް ވިދާޅުވި އެވެ.

އެމްނެސްޓީން ނެރުނު 300 ސަފުހާގެ ރިޕޯޓްގައި، ހަމާސްގެ ނުވަތަ ހަނގުރާމަރި އެއްވެސް ބަޔަކު އަދި އަސްކަރީ އެއްވެސް ކަމެއް ކުރަން ނުޖެހޭ ތަންތަނުގައި ހިންގާފައިވާ އެތައް ޖަރީމާއެއް ވެސް ފާހަގަކޮށްފައިވެ އެވެ.

އޮކްޓޯބަރު 7، 2023 އިން އޭޕްރީލް 20 އާ ދެމެދު ޣައްޒާއަށް ވައިގެ މަގުން ދިން 15 ހަމަލާގައި 141 ކުޑަކުދިންނާއި އާންމުންގެ 334 މީހަކު ޝަހީދުވި އިރު، އޭގެ ތެރެއިން އެއްވެސް ހަމަލާއެއް އަސްކަރީ މަގްސަދެއް ހާސިލްކުރުމަށް ދިން ހަމަލާތަކެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ރިޕޯޓްގައިވެ އެވެ.

އެތައް ހާސް ބައެއްގެ މަރާއި ޖިސްމާނީ އަދި ނަފްސާނީ ބިރުވެރިކަމާއި ރަނގަޅު ކާނާ ނުލިބި ހައި ހޫނުކަމާއި ބަލިމަޑުކަމުގެ ތެރޭގައި އުޅެން މަޖުބޫރުކޮށްފައި އޮތް އޮތުމަކީ "މަޑުމަޑުން މަރުވެ ދާން" ދޫކޮށްލައިގެން ތިބުން ކަމަށް އެމްނެސްޓީން ސިފަކޮށްފައިވެ އެވެ.

"އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކަށް، ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް މުއާހަދާއިން ލާޒިމްކޮށްފައިވާ ކަންކަމާ ހިލާފުވާތީ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުގައި ބެލޭނެ ފުރުސަތު އެބަ އޮތް،" ރިޕޯޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެލަމާޑް ވިދާޅުވި އެވެ.

ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް 44،532 މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް، ހަމާސް ޖަމާއަތުން ހިންގާ ހެލްތު މިނިސްޓްރީން ބުނާއިރު މިއީ ސައްހަ އަދަދެއް ކަމަށް އދ. އިން ވެސް ދެކެ އެވެ.

އެމްނެސްޓީން ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ދިން ހަމަލާގައި ހަމާސް ޖަމާއަތުން ހިންގި ޖަރީމާތަކާ ގުޅޭ ރިޕޯޓެއް ވެސް އާންމުކުރާނެ ކަމަށް ބުނެފަ އެވެ.

ހަމާސް އިން ވަނީ އެ ހަމަލާގައި 251 މީހަކު ރަހީނު ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން 35 މީހަކު މިހާރު މަރުވެފައި ވިޔަސް އަދިވެސް 97 މީހަކު ޣައްޒާގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ. -- އޭއެފްޕީ