08 ޑިސެމްބަރ 2024 - 17:01

އިސްލާމިކް ކެލިގްރަފީގެ ހުނަރުން ގިނަ ބައެއްގެ ސަމާލުކަން ހޯދި، ޖަމާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ދަރިވަރު ހުސެއިން ނާއިޝް އަށް އިސްލާމިކް މިނިސްޓްރީން ރަނގަޅު ފުރުސަތުތަކެއް ހޯދައިދީފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިއަދު ވިދާޅުވީ ނާއިޝް އެދުނު ގޮތަށް ކީރިތި ގުރުއާން ލިޔުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހުނަރު ދަސްކޮށްދިނުމަށް އެހީވާނެ ކަމަށެވެ.

އޭގެ އިތުރުން ނާއިޝް ސްކޫލު ނިމުމުން ގުރުއާން މަރުކަޒުގެ ތެރޭގައި އެ ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް މަސައްކަތްތައް ހަވާލުކުރާނެ ކަމަށެވެ.
އައްޑޫގައި އަންނަ އަހަރު ހުޅުވާ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހާ ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައިދެވޭނެ. އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ. އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުގު ހުރި މިފަދަ ހުރިހާ ކުދިންނަށް މި ފުރުސަތު އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.
ށ. ކަނޑިތީމަށް އުފަން ނާއިޝް ވިހެއިއިރު ވެސް ވާހަކަ ނުދެއްކޭ އަދި އަޑުނީވެ އެވެ. ކިޔެވުމުގައި އިތުރު އެހީތެރިކަން ބޭނުންވާތީ އާއިލާއިން އޭނާ ގްރޭޑު 4 އަށް މާލެ ބަދަލުކުރި އެވެ. އެ ހިސާބުން ފެށިގެން 21 އަހަރުގެ ޒުވާނާ ކިޔަވަމުން އަންނަނީ ޖަމާލުއްދީން ސްކޫލުގަ އެވެ.
އޭނާ ލިޔެފައިވާ ކެލިގްރަފީގެ ފޮޓޯތަކާއެކު އެ ސްކޫލުން އިއްޔެ ކުރި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
ޖަމާލުއްދީން ސްކޫލުން ބުނީ ފާރުތަކުގެ އިތުރުން ހިތްތަކަށް ވެސް އޭނާގެ ހުނަރުވެރިކަން ދޫކޮށްލާފައިވާ ކަމަށެވެ.
"ހުނަރުން އިންތައް ފަހަނައަޅާ ގޮސް، ނުކުޅެދުންތެރިކަމަކީ މީހެއްގެ ހުނަރެއް އަދި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް ފުރުސަތު ހަނިވާންޖެހޭ ސަބަބެއް ނޫންކަން ނާއިޝް ވަނީ ދައްކުވައިދީފައި." އެ ސްކޫލުން ބުންޏެވެ.