ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ
ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިމާރާތް ތަޅައިދިނުން ނުވަތަ ޑިމޮލިޝިންގެ ހިދުމަތް ދޭން ނިންމަވާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ
ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ

މީގެ ހަތް އަހަރު ކުރިން 2017ގައި ފެށި ވެމްކޯގެ ހިދުމަތްތައް މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަންނަނީ ދެމުންނެވެ. ކުނިއުކުމުން ފެށި އެ ކުންފުނިން މިހާރު ރިސޯޓުތަކުން ކުނި ނެގުމުގެ މަސައްކަތާއި ފޮޅާ ސާފު ކުރުމުގެ މަސައްކަތްވެސް ކުރެ އެވެ.

ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ
ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ

އެ ކުންފުނީގެ ވެމްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޑިމޮލިޝިންގެ ހިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފް ކުރަން ނިންމާފައި ވަނީ މާލެ ސަރަހައްދުގެ ރަށްތަކަށްވިޔަސް، އެހެން ހިދުމަތެއްގެ ގޮތުގައި މިވަގުތު ވެސް ގެ ތަޅާލާފައި ހުންނަ ގާކުނޑި ނަގައިދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ވެމްކޯގެ މި އޮންނަނީ ޑިމޮލިޝަންގެ ކުނި ނަގައިގެން އެ ކުނި މެނޭޖްކުރާ ކުންފުންޏަކަށް. މިވަގުތު އަޅުގަނޑުމެން އެ ހިދުމަތް ނުދިން ކަމުގައި ވިޔަސް ގިނަ ބަޔަކު އެކަމަށް އެދެމުންދޭ. އޭގެ ސަބަބުން ގިނަ ފައިދާތަކެއް ހިދުމަތަށް އެދޭ ފަރާތަށްވެސް ވޭ. ހުރިހާ ކަމެއް އެއްތަނަކުން ކޮށްލެވޭތީ ވަގުތު ސަލާމަތް ވެފައި ހަރުދަނާ ގޮތެއްގައި މަސައްކަތް ނިންމާލެވޭ،" ވެމްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ޑިމޮލިޝިންގެ މަސައްކަތަށް ޕެކޭޖްތައް ހެދުމާއި ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުން ކަމަށެވެ. އެއަށްފަހު އެ ހިދުމަތް ދިނުމުގެ އަގުތައް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ އެ މަސައްކަތް ކުރާނީ ވެމްކޯގެ މުވައްޒަފުން ކަމަށެވެ.

"އިތުރަށް މުވައްޒަފުން ނަގަން ޖެހިއްޖެނަމަ މުވައްޒަފުން ނަގާނެ. އިތުރު ޑިޕާޓްމެންޓެއް ނަހަދާނެ. ކުރިއަށްގެންދާނީ ވެމްކޯގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން،" މުޖުތަބާ ވިދާޅުވި އެވެ.

މާލޭގައި ވެސް ވީރާނާވެފައިވާ އިމާރާތްތަކުން ގަލާއި އެ އިމާރާތްތަކުގެ ފާރުތައް މަގުމައްޗަށް ވެއްޓި އާންމުންނަށް އެކި ވަރުގެ އަނިޔާތައް ލިބެ އެވެ. އަދި އެކަހަލަ ގެތައް ހުންނަ ސަރަހައްދުތަކުގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކަށް ވެސް ގެއްލުން ލިބެ އެވެ. މާލޭގައި ވެސް ވީރާނާވެ ތަޅާލަން ޖެހިފައިވާ ކަމަށް ފާހަގަވެފައިވާ 15 ވަރަކަށް އިމާރާތުގެ ތެރޭގައި އާންމުންގެ އިމާރާތްތަކާއި ދައުލަތުގެ ބައެއް އިމާރާތްތައް ވެސް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.