15 ޑިސެމްބަރ 2024 - 11:41

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ފެށިގެން ގެންގުޅޭ ރީތި އާދަތައް ރާއްޖޭގެ ސިޔާސީ ދާއިރާ ފުޅާވެގެން ދިއުމުގެ ސަބަބުން ގެއްލެމުންދާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅުގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު މަހިބަދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށެވެ.

އުމްރާނީ ތަރައްގީއާ އެކު ފިކުރީ އަދި އިންސާނީ ތަރައްގީ އައުމުން ނޫނީ ގައުމަށް އަސްލު ތަރައްގީ ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މުޖުތަމައުން ނެތެމުންދާ ރިވެތި އަހުލާގުތަކާއި އިސްލާމީ އުސޫލުތައް އަލުން މުޖުތަމައަށް އިއާދަކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ވާދަވެރިކަން ބޮޑުވެ، ދިވެހިންގެ ތެރޭގައި ހުރި ރީތި އާދަތަކެއް ނެތިގެންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ނެތިގެން އެބަދޭ، އަމުދުން މި ފަހަކަށް އައިސް ސިޔާސީ މައިދާން ފުޅާވެގެން ގޮސް ތަޣައްޔަރު ވަމުންދޭ، އޭގެ އަވާގައި ޖެހިގެން އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ގިނަ ރީތި އާދަތަަކެއް، ގަސްދުގައި ނޫނަސް އެބަ ގެއްލޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ އެ ކަންކަން އެބަޖެހޭ އިއާދަކުރަން. އެހެން ނޫނީ ގައުމެއް ނެތް. އަޅުގަނޑުމެން ތެރޭގައި މީހުންނަށް އިހުތިރާމް ކުރުން، ރީތި ބަހުން ވާހަކަ ދެއްކުން. މިކަންކަން އިއޔާދަކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް."
ރައީސް ވިދާޅުވިގޮތުގައި، ގައުމުގެ މުސްތަގުބަލަށް އަމިއްލަވަންތަކަން ފޯރުކޮށްދޭން ބޭނުން ނަމަ ކުރިން އޮތް ރީތި އާދަތައް އިއާދަ ކުރަން ޖެހެ އެވެ.
ރައީސް ފާހަގަ ކުރެއްވީ ސްކޫލް ކުދިންގެ މެދުގައި އާންމުވެފައިވާ ވޭޕްގެ މައްސަލަ ހައްލު ކުރުމަށް އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅާއި ޑްރަގްގެ ވަބާއިން މި ޖީލު ސަލައިމަތް ކުރުމަށް ކުރައްވާ ކަންކަމުގެ އިތުރުން ގޭންގުތަކުގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅެވެ.
ރާއްޖޭގައި މިއަދުން ފެށިގެން ވޭޕް ބުއިމާއި ވިއްކުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.