08 މާޗް 2017 - 11:56

އެކި ދާއިރާތަކުން އަންހެނުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ބާރުވެރިކުރުވުމުގައި މުޅި ދުނިޔެ އަށް ރާއްޖެ އިން ނަމޫނާ ދެއްކިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، އަންހެނުންގެ ހިދުމަތަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި އަންހެނުންގެ ހިއްސާ ބޮޑު ކަމަށެވެ. އެކަމަކު، އަންހެނުންގެ ބައިވެރިވުން އެކި ދާއިރާތަކުގައި އޮންނަން ޖެހޭ މިންވަރަށް އަދިވެސް ނުގެންދެވޭ ކަމަށް ވިދާޅުވެ އެކަމަށް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކޮށްދެއްވަން ރައީސް އެދިވަޑައިގަތެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެން ލީޑަރުންނަށް ކަންކަން ނިންމަން ފުރުސަތު ލިބޭ ހިސާބުން އެކި ދާއިރާތަކަށް ހެޔޮބަދަލުތައް އާދެ އެވެ. ރާއްޖޭގައި ވެސް އެކަން ފެންނަ ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއި ބާރުވެރިވާނެ މަގު ފަހިކޮށްދީ، ރާއްޖެ އަކީ ނަމޫނާ ގައުމެއް ކަން ދެއްކުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހީވާގިކަމާ އެކު އަންހެނުން ކުރައްވަނީ ހަމައެކަނި ގޭތެރޭގެ މަސައްކަތެއް ނޫން. އަންހެނުން ބާރުވެރިވުމަށާއި ޖީލެއް ބިނާކުރަން އަންހެން ބޭފުޅުން އަމިއްލަ އަށް ޒިންމާ އުފުއްލަވައިގެން ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ހިޔާލަށް ގެންނަމާ ހިންގަވާ،" ރައީސް ވިދާޅުވި އެވެ.

ގައުމުގައި އަންހެނުންގެ ހިދުމަތް ފާހަގަކުރައްވަމުން މަޒާޖީކޮށް، ފިރިހެނުންނަށް ރައީސް ދޫކޮށްލެއްވީ ސުވާލެކެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކިތައް ބައްޕައިންނަށް އެނގޭބާއޭ، އެ ބައްޕައިންގެ ތުއްތު ކުދިންނަށް އެމްއެމްއާރު ވެކްސިން ދީ ނިންމީ ކޮން ދުވަހެއްގައިތޯ؟ ނޫނީ އެކަން ވަނީ ކުރެވިފައިތޯ؟" ރައީސް އެއްސެވި އެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން އަންހެން ކުރިއަށްދާން ބޭނުންވާ ފުރުސަތުތައް މި ސަރުކާރުން ފަހިކޮށްދޭ ކަމަށެވެ. އަދި ހުރިހާ ވައްތަރެއްގެ ތަފާތުކުރުންތައް ވެސް ނައްތާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަންހެނުންގެ ހިދުމަތް ފެނިގެންދަނީ، ރައީސް ވިދާޅުވި ގޮތުގައި، ހަމައެކަނި އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއަކުން ނޫނެވެ. ދަރިން ތަރުބިއްޔަތުކޮށް، ޖީލުތައް ބިނާކުރުމުގެ ބޮޑު ޒިންމާވެސް އުފުލަނީ އަންހެނުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގޭތެރޭގައި އަންހެނުން ކުރާ މަސައްކަތް ހިސާބުކުރެވެން ނެތްއިރު، ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ވެސް އަންހެނުންގެ ދައުރު ބޮޑު ކަމަށެވެ.
ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވަން ފެށި ތާރީހަށް އަލިއަޅުއްވާލައްވައި، ރަސްމީކޮށް އެކަން ރާއްޖޭގައި ފެއްޓެވީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އޭގެ ކުރިން އަންހެނުން ކިޔަވާ އުޅެނީ ވެސް ގޭގޭގައި އަމިއްލަ އަށް ކަމަށާއި މަދަރުސާއެއް ހެދިގެން ގެއިން ބޭރުގައި އަންހެނުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނީ ވެސް ރައީސް އަމީން ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާއެކު، ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވަން ވެސް، ރައީސް ވިދާޅުވި ގޮތުގައި، އަމީން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ސެނެޓުގައި އަންހެނުން ބައިވެރިކުރެއްވި ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
މުޖުތަމައުގައި އަންހެނުންގެ ދައުރަށް ބަލައި، އަންހެން ދަރިންނަށް ތައުލީމް ހާސިލްކޮށްދިނުމަކީ ޒިންމާދާރު ސަރުކާރެއްގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ. އެއާއެކު ސިވިލް ސާވިސް ވަޒީފާތަކުގެ 56 ޕަސެންޓަކީ އަންހެނުންނަށްވާއިރު އޯ ލެވެލް އާއި އޭ ލެވެލް އިން މަތީ ނަތީޖާ ހާސިލްކުރާ ދަރިވަރުންގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންހެނުންނަށް ކުރެވޭނެ ކަމަކީ އަދި ނުކުރެވޭނެ ކަމަކީ ކޮބައިތޯ ބަލައި، އަންހެނުންގެ ދައުރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި، ހުރިހާ ކަމެއް ވެސް އަންހެނުންނަށް މަގުތަނަވަސްކޮށްދިނުމުގެ ހިތްވަރު ހުންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ
"އަންހެން ބޭފުޅުންނަށް ފަހިކޮށްދޭ ކޮންމެ ފުރުސަތަކީ މުޖުތަމައަށް އޭގެ ސަބަބުން ފައިދާ ހާސިލްކުރާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް އަންހެނުންނަށް ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެތެރޭގައި މަސައްކަތުގެ ތެރޭގައި އުޅޭއިރު އަންހެނުންނަށް ފުރައްސާކުރުމާއި ތަފާތުކުރުން ގެންގުޅުން ފަދަ ކަންކަން ހިމެނޭ ކަމަށާއި އެކަންކަން މުޖުތަމައުން ނެތިގެންދާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމައެކަނި ގާނޫނުގައި ލިޔާ މާއްދާއަކުން އަޅުގަނޑުމެންނަށް މިކަންކަން ނައްތައެއް ނުލެވޭނެ. އަޅުގަނޑުމެންގެ ފިރިހެނުންގެ އެ އަޒުމް އެ ހިތްވަރު ހުންނަން ވާނެ، އެ ކެރުންތެރިކަން ހުންނަންވާނެ،" ރައީސް ވިދާޅުވި އެވެ.