08 މާޗް 2017 - 13:06

އަންހެނުންގެ ގާބިލްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރަން ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ދިރިއުޅުމުގެ އެކި މައިދާންތަކުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި ސިޔާސީ މައިދާނާއި މަސައްކަތުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ބަސްކިޔޭ ފެންވަރުގައި ހިފޭނެގޮތަށް ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށެވެ.
މިދިޔަ އަހަރު ތަސްދީގުކޮށްފައިވާ ޖެންޑާ އިކުއަލިޓީގެ ގާނޫނަށް އެންމެހާ ފަރާތްތައް އަހުލުވެރިކުރުވައި އެ ގާނޫނުގެ ދަށުން ގާއިމްކުރަންޖެހޭ ނިޒާމްތައް ފުރިހަމަކުރަން ވެސް އެޗްއާރުސީއެމުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކޮށްފަ އެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނަކީ މުޖުތަމައުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކޮށް އަންހެނުންނާ ގުޅުންހުރި ކަންތައްތަކަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރުން ކަމަށެވެ.
މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "2030" ވަނަ އަހަރަށް 50-50 ދުނިޔެއަށް: ދުނިޔޭގެ ބަދަލުވަމުންދާ މަސައްކަތުގައި އަންހެނުން" މި އެވެ. އޭގެ މަގުސަދަކީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތައް ދެނެގަނެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބާރުއެޅުމެވެ. ވަކިން ހާއްސަކޮށް ޖިންސުގެ ހަމަހަމަކަން ގާއިމްކޮށް އަންހެނުން ބާރުވެރިކުރުވުމާއި އެއްވެސް ކުއްޖަކު ބާކީނުކޮށް ރަނގަޅު ފެންވަރެއްގެ ތައުލީމް ފޯރުކޮށްދިނުމާއެކު އުނގެނުމަށް ހިތްވަރު ދިނުން ހިމެނޭ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ރާއްޖޭގެ އަންހެނުންގެ ހާލަތަށް ބަލާއިރު، އެޗްއާރުސީއެމަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާއާއި އާއިލާ ބިނާކުރުމަށް ހުރަސްއެޅުމާ ގުޅުންހުރި މައްސަލަތައް ހިމެނެ އެވެ.