23 ޑިސެމްބަރ 2024 - 13:14

ކުރީގެ ސަރުކާރުގައި ގޯތި ލިސްޓް އެކުލަވާލާފައި އޮތީ ބޭއިންސާފުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުން ފެށި ތަހުގީގަށް ފަހު އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް، ކަންކަން އިސްލާހު ކުރައްވާނެ ކަމުގެ އުއްމީދު އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަގު ލިޔުންތަކެއް ހަދައިގެން ނުހައްގުން ބަޔަކަށް ގޯތި ދީފައިވާ މައްސަލަތަކެއް ފެންމަތިވި މައްސަލައާ ގުޅިގެން ނަޝީދު "އެކްސް" ގައި ވިދާޅުވީ މީގެ ކުރިން ވެސް ލިސްޓު ހަދައި ގޯތި ދޫކޮށްފައިވަނީ ނުހައްގު އެތައް ބަޔަކަށް ލިބޭ ގޮތަށް ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
އަލަށް ފެންމަތި ވެގެން އުޅޭ ނުހައްގު ގޯތީގެ މައްސަލަތަކަކީ އެ ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، ކުރިއާ ހިލާފަށް މި މައްސަލަ ތަހުގީގު ކުރަން ފަށާ އެޗްޑީސީގެ ވެރިން ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މި ކަމުގައި ދިވެހި ފުލުހުން ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި، އެޗްޑީސީއަށް އަލަށް އައްޔަން ކުރެވުނު މެނޭޖިން ޑިރެކްޓާ މައުރޫފް ޖަމީލް މި ކަންކަން އިސްލާހު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގައި ނެތް ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމާ ގުޅޭ މައްސަލަތަކުގައި އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި ފަޒުލް ރަޝީދު ވެސް އިސްތިއުފާ ދެއްވި ސަސްޕެންޝަނުގައި ހުންނަވަނިކޮށެވެ. އަދި މި މައްސަލާގައި، އެ ކުންފުނިން 15 މުވައްޒަފަކު އިއްޔެ ވަކިކޮށްފައި ވެސް ވެ އެވެ.
އެޗްޑީސީގެ އިތުރުން، މި މައްސަލާގައި ހައުސިން މިނިސްޓްރީގެ 10 މުވައްޒަފަކު ސަސްޕެންޑުކޮށްފައިވެ އެވެ. އަދި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ޕާސްޕޯޓު ވެސް ވަނީ މި މައްސަލައިގެ ތަހުގީގަށް ހިފަހައްޓައިފަ އެވެ.