23 ޑިސެމްބަރ 2024 - 17:51

ގޯލްޑް ކަޕް ފައިނަލު މެޗަށް އައްޑޫގެ ސަޕޯޓަރުން ދަތުރުކުރަން މޯލްޑިވިއަންގެ އިތުރު ފްލައިޓެއް މާދަމާ ބޭއްވުމަށް ހަމަޖައްސަފައިވާ ކަމަށް އައްޑޫގެ ސަޕޯޓަރުންގެ ގުރޫޕަކުން ބުނެފި އެވެ.
މާދަމާ ރޭ ކުޅޭ ފައިނަލު މެޗުގައި އައްޑޫ ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ.
މާދަމާ މެންދުރު ބާއްވާ ފްލައިޓް ހާއްސަ ކުރަނީ މެޗު ބަލަންދާ ސަޕޯޓަރުންނެވެ. އައްޑޫ ސަޕޯޓަރުންގެ ގުރޫޕްގެ އޮފިޝަލަކު ބުނީ މޯލްޑިވިއަންގެ އާންމު ފްލައިޓްތައް މިދުވަސްވަރު ފުލު ވެފައިވުމުން މެޗު ބަލަން ދާން ބޭނުންވާ ސަޕޯޓަރުންނަށް ޖާގަ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ސަޕޯޓަރުން ފާޅު ކުރި ކަމަށެވެ.
އެހެންވެ މޯލްޑިވިއަންގައި އެދިގެން އިތުރު ފްލައިޓެއް ބާއްވައި ދޭން އެދުމުން އެކަން ހަމަޖައްސައި ދީފައިވާކަމަށް އޮފިޝަލް ބުންޏެވެ. އޭނާ ބުނީ ސަޕޯޓުކުރަން ދާން ބޭނުންވާ މީހުން، ނަން ނޯޓް ކުރަން ފުރުސަތު ހުޅުވާލުމުން ގާތްގަނޑަކަށް މިހާރު ޖާގަ ހަމަވެފައިވާ ކަމަށެވެ.
އޭދަފުށިން ވެސް ވަނީ އެ ރަށު ސަޕޯޓަރުން މާލެ އަށް ދަތުރުކުރަން މާދަމާ އަށް ލޯންޗު ދަތުރުތައް ބާއްވަން ނިންމައިފަ އެވެ.
މެޗު ފަށާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ.