25 ޑިސެމްބަރ 2024 - 19:16

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ސްރީ ލަންކާގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވެލާނާ އެއާޕޯޓުގެ ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓުގައި ލަންކާ ބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށެވެ. އެއީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެތަނުން އެކަކު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވެ އެވެ. އޭނާ ދެން ތިބި މީހުންގެ ގައިގައި ޖަހައި އަނިޔާކުރަން އުޅުނު ކަމަށްވެ އެވެ.