12 ޖެނުއަރީ 2025 - 06:40

ގައިގެ ހުޅުނބުތައް ދިހުން ކުލައިގެ ހަންގަނޑެކެވެ. އޮރެންޖު ކުލައިގެ ލޮލެކެވެ. ދިގު، ފަލަ ހަރުފައެކެވެ. އެނދުމަތިން ހިރެމުން އައިސް ނަޖާތުގެ ފައިގައި އޮޅައިލިއެވެ. ބާވީސް އަހަރުގެ ނަޖާތު ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ތެޅިފޮޅިގަންނަން ވެސް ބޭނުންވިއެވެ. އެއްކަމެއް ވެސް ނުވިއެވެ. އަޑެއް ނުނިކުތެވެ. ހަރަކާތެއް ނުކުރެވުނެވެ. ގަނޑުވެފައި އޮވެގެން، އަޑު ނެރެވޭތޯ ނަޖާތު މަސައްކަތް ކުރިއެވެ. ހަޅޭއްލެވެން އުޅޭހެން ހީވެއެވެ. އަޑު އަންނަނީ ވަރަށް އެތެރެއިންނެވެ. ބޭރަކަށް ފާޅެއް ނުވެއެވެ.
"ދަރިފުޅާ! ދަރިފުޅާ!" މަންމަ ހާމިދާގެ އަޑު ނަޖާތަށް އިވުނެވެ.
ނަޖާތު ލޯ ހުޅުވައިލިއެވެ. ހުވަފެނެއްކަން އެނގުމުން އަނެއް ފަރާތަށް ފުރޮޅިލިއެވެ.
"ކޮން ހަޅޭކެއް ތި ލަވަނީ؟" ހާމިދާ ވަރަށް ލޯތްބާ އެކު އެހިއެވެ. "ހުވަފެނެއް ފެނުނީތަ؟"
"އަހަރެން ހަޅޭއްލެވިތަ؟" ލޯ މަރައިގެން އޮވެ ނަޖާތު އެހިއެވެ. އަދި ބުންޏެވެ. "އެއްކަލަ ހުވަފެން ފެނުނީ."
އެއީ އާންމުކޮށް ނަޖާތަށް ފެންނަ ހުވަފެނެކެވެ. ހުވަފެނުގައި ބިރުން އުޅުނަސް، ހޭލެވުމުން ނަޖާތު ކަމަކަށް ނަހަދައެވެ. އެހައި ގިނަ ދުވަސް ވަންދެން އެ ހުވަފެން ފެނިއްޖެއެވެ. ބައެއް ފަހަރު އެއް ހަރުފައެވެ. އަނެއްބައި ފަހަރު ކުދިކުދި އެތައް ބައިވަރެވެ. ހީވަނީ ހަރުފައެއް ވިހައިގެން ނުކުތް ކުދިކުދި ޅަ އެއްޗެހިތަކެއް ހެންނެވެ. އެ ހުވަފެން ފެނިއްޖެ ނަމަ ނަޖާތަށް ހޭލެވޭނީ ހާސްވެގެން، ތެޅެމުންފޮޅެމުންނެވެ. އޭރު މުޅި ގައި ފޮޅޭނެއެވެ. ގައިގެ އެތައް މިތަނަށް ހަރުފަތައް ވަންނާތީއެވެ. ގައި ހިރުވާތީއެވެ. ދިލަނަގާތީއެވެ. ބައެއް ފަހަރު، ހޭލާ އިރު ގައިގައި ފިތްނަގައިފައި ވެސް ހުރެއެވެ. ފިތްގަނޑުތައް އޮބޭނީ ހެނދުނުއެވެ.
ދަރިފުޅަށް ލުޔެއް ހޯދުމުގެ މަގުސަދުގައި ހާމިދާ އެތައް ކަމެއް ކޮށްފިއެވެ. ޑަކުޓަރަށް ދައްކައިފިއެވެ. ފަންޑިތަ ހަދައިފިއެވެ. ހާމިދާ ގާތުގައި ދަރިފުޅު ބައިންދައިގެން ކިޔަވައިފިއެވެ. އެ ހުވަފެން ނުފެންނަ ވަރެއް ނުވިއެވެ. ފަންޑިތަވެރިޔާ ބުނި ގޮތުގައި، ކަޅުކުލައިގެ ހަރުފަ އާއި ކަޅު ކުއްތާ ފެނުމަކީ ދަރިފުޅަށް މީހަކު ސިހުރު ހަދާ ކަމުގެ އަލާމާތެކެވެ. ސިހުރު ހަދަންޏާ ހަދާނީ ކާކުކަން ހާމިދާއަށް އެނގެއެވެ. ފަންޑިތަވެރިޔާ ބުނި ގޮތުގައި އެ ފަދަ ކަންކަމުން ސަލާމަތް ވެވޭނީ ނަމާދުކޮށް، ޤުރުއާން ކިޔަވައި، ޒިކުރުތައް ކިޔައި ހެދީމައެވެ. އެއީ ނަޖާތު މާ ޝައުގުވެރިކަން ހުންނަ ކަންކަމެއް ނޫނެވެ.
"ތަންކޮޅެއް ކަމާވެގެން ތި ކަމާ އުޅެލަންވީނު؟" ސަލްވާ އެދުނެވެ. "ބަލަންތަ ރަނގަޅު މީހެއް އަތުޖެހޭތޯ؟"
ސަލްވާއަކީ ހާމިދާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ދެ އެކުވެރިން މީހުނާ އިނީ ވެސް، ފުރަތަމަ ދަރިފުޅު ލިބުނީ ވެސް ދާދި އެއް ދުވަސްވަރެއްގައެވެ. ތަފާތަކީ، ހާމިދާއަށް އަންހެންކުއްޖެއް ލިބިފައި ސަލްވާ އަށް ފިރިހެންކުއްޖެއް ލިބުނު ކަމެވެ. ސަލްވާ އަށް ފަހުން އަންހެންކުއްޖެއް ލިބުނެވެ. ތިން ކުދިން ވެސް ބޮޑުވީ ގާތްތިމާގެ ކުދީންގެ ގޮތުގައެވެ. ކޮއްކޮ، ބޭބެ، ދައްތަ ކިޔައިގެންނެވެ. އޭގެ ސަބަބުން ފަހުން މައްސަލައެއް ނުކުމެދާނެ ކަމެއް، އޭރަކު އެކަކަށް ވެސް ނުވިސްނެއެވެ.
"އެބަ ހިތަށް އަރާ ތިހެން،" ހާމިދާ ބުންޏެވެ. "އެކަމަކު ދެން މާ ބޮޑު ކަމެއް ނުވާތީ އެހާ ވަރުން ނުވެސް އުޅެވެނީ. ގޯސް ހެދުނީ އަހަރުމެންނަށް. ކުޑަ އިރު ނަމާދަށް ނޭރީމަ އަހަރުމެންގެ މަންމަ ހަދާހެން އިލޮށިފަތިން ފޫކޮޅުގަ ތަޅައިގަނެވުނު ނަމަ ރަނގަޅު ވީސް. އަހަރުމެން ފަތިސްނަމާދު ނުކުރިއްޔާ ހެނދުނު ސަޔެއް ނުލިބޭނެ. ސޫރަތް ކިޔެވީމަ ނޫނީ ރޭގަނޑު ކާކަށް ނުލިބޭނެ. އަހަރުމެންނަކަށް ނުކެރޭ ދަރިންނަށް އެހެން ހަދާކަށް."
"ތެދެއް ތި ބުނީ،" ސަލްވާ އެއްބަސްވިއެވެ. "ދެން އެކަމަކު ކާކު ނަޖޫ އަށް ސިހުރު ހަދާނީ؟"
"ނަޖޫ ކިޔެވުމަށް މޮޅުވީމަ އެ ކަމާ ހިތްހަމަނުޖެހޭ އެންމެ މީހަކު އުޅޭނީ،" މަޑުމަޑުން ހާމިދާ ބުންޏެވެ.
"އެނގެއެއްނު އެއީ ކާކުކަން. އަހަންނަށް ހެޔޮ. އެ މީހަކު ކުރި ކަމެއް އެ މީހަކަށް. ހަދާ އެއްޗެއް ހަދަހަދާ ހުރެދާނެއްނު!"
"ކީކޭ ދެން ބުނާނީ؟" ސަލްވާ ބުންޏެވެ. "އެއްބަނޑުއެއްބަފާ މީހުން އެ ކަހަލަ ކަންތައް ކުރަން ހެޔޮ ނުވާނެއްނު!"
ނަޖާތަށް ފެންނަ ހުވަފެނާ މެދު މާ ބޮޑު ކަމެއް ހާމިދާ ނުކުރެއެވެ. އެހެން ނަމަވެސް، ފަރުދާގެ ބިއްދޮށުގައި އެހެން މައްސަލައެއް ދިޔައީ ދޮންވެ ފައްކާވަމުންނެވެ. އެއީ، އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑު މައްސަަލައެކެވެ. ހާމިދާ ހުރީ އަނދިރީގައި ބަހައްޓައިފައެވެ. ވާނުވާ ސިއްރު ކޮށްފައެވެ. ސަލްވާ އެ ކަން ދެނެހުއްޓެވެ. އެ ދުވަހަކީ، މައްސަލަ އަށް ހައްލެއް ހޯދުމަށް، ދުރާލައި ތައްޔާރުވެގެން ސަލްވާ އައި ދުވަހެވެ. އެ ކަމާ އުޅުނީ ސަލްވާގެ ދަރިފުޅު ރާއިދުއެވެ.
"ދެން ބުނެބަލަ!" ހިނި އައިސްފައި ނަޖާތު ބުންޏެވެ. "ބޭބެ ހާދަހާ ބިރުންނޭ މިއަދު ތި އުޅެނީ."
"އަނެއްކާ ވެސް ކިއީ." ނުރުހުމުގެ ރާގަކަށް ރާއިދު ބުންޏެވެ.
"ދެން ބޭބެ ނުކިޔާ އެހެން ކީކޭތަ ކިޔާނީ؟" ހީނގެންފައި ނަޖާތު ބުންޏެވެ. "ތީ އަހަރެންގެ ބޭބެއެއްނު."
ނޫނެކެވެ. ރާއިދު ދެކޭ ގޮތުގައި ރާއިދަކީ އެއްވެސް ހިސާބަކުން ނަޖާތާ ތިމާގެ މީހެއް ނޫނެވެ. ބޭބެއަކީ ވަނަމެކެވެ. ކުރިން ރާއިދަށް އެ ނަމުގައި މައްސަލައެއް ނެތެވެ. އެއީ ކުޑައިރެވެ. ނުވިސްނޭ އިރެވެ. ރާއިދު ވެސް ނަޖާތަށް ކިއީ ކޮއްކޮއެވެ. އެހެނަސް، ދެނެއް ރާއިދަކަށް ކޮއްކޮއެއް ނުކިޔޭނެއެވެ. އެ ވިސްނުން ބަދަލުވެއްޖެއެވެ. އެ ގުޅުމަށް ވެސް ބަދަލު އަތުވެއްޖެއެވެ. އެ ވާހަކަ ނުދައްކަން ހުއްޓައި އެ ކަން ފެންމަތި ކުރީ ރާއިދުގެ މަންމައެވެ. ދެވަނަ ދެ މީހެއް ނޫނެވެ. އެ ހިސާބުން ރާއިދު ވެސް އެ ސިއްރު ސަންދޯކުން ނެގީއެވެ. އޭރު، އެހެން މީހަކަށް ފާހަގަނުކުރެވުނު ނަމަވެސް، ނަޖާތަށް ކޮއްކޮ ކިޔުން ރާއިދު ހުއްޓައިލައިފިއެވެ. ނުހުއްޓުވިގެން އުޅެނީ ރާއިދަށް "ބޭބެ" ކިއުމެވެ. އެ ކަން ހުއްޓުވާނެ ގޮތެއް ރާއިދަށް އޮތީ ނުވިސްނިފައެވެ.
"ތި ވާހަކަ ދައްކާށޭ މި އައީ." ވަރަށް ހިތްވަރު ކޮށްފައި ރާއިދު ބުންޏެވެ.
އެ ހިސާބަށް ބުނެފައި، ދެން ބުނަންވީ ބައި އަނެއްކާ ވެސް ރާއިދު އޮއްބައިލިއެވެ. ދެ މީހުން ތިބީ ގޭމު ކުޅެން ޓީވީ ކައިރީގައެވެ. ދެ މަންމަ ތިބީ ބަދިގޭގައެވެ. ރާއިދަށް އެނގެއެވެ. ކިތަންމެ ތައްޔާރު ވެގެން އަޔަސް އެ ވާހަކަ ބުނާކަށް ރާއިދަކަށް ފަސޭހައެއް ނުވާނެއެވެ. ރާއިދާ މެދު ނަޖާތު ދެކޭ ގޮތް ނޭނގޭތީއެވެ.
"ކޮން ވާހަކައެއްތަ؟" ނަޖާތު އެހެން އެހި ނަމަވެސް، އެ ހިސާބަށް ދިޔަ އިރު ނަޖާތަށް ވެސް ޝައްކުވެއްޖެއެވެ. "އާ ޔޫ.."
"ޔޭސް!" ނަޖާތު އަނގައިގައި އެއްބައި އޮއްވައި ރާއިދު އެއްބަސްވިއެވެ. "އައި އޭމް.."
ވާހަކަ ދިޔައީ އެ ހިސާބަށެވެ. ރާއިދަށް ކިތަންމެ އުނދަގޫވިޔަސް، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ވެސް ލިބުނެވެ. ނުބުނެ ބުނެވުނީމައެވެ. ދެ މީހުންނަކީ ވެސް ކުޑަކުދީންނެއް ނޫނެވެ. ބާވީސް އަހަރު ފުރިއްޖެއެވެ. ނަޖާތު ދެކެ ލޯބިވުމަކީ ރާއިދު ވެސް ކުރަން ގަސްތުކުރި ކަމެއް ނޫނެވެ. ވީ ކަމެކެވެ.
"ޑޯންޓް ޔޫ؟" އެ ލަފުޒުތައް ބުނަން ރާއިދަށް ފަސޭހަވީ އިނގިރޭސިންނެވެ.
"އެކަމަކު.." ނަޖާތު އެހިއެވެ. "ތީ ނަޖޫގެ ބޭބެއެއްނު!"
ނަޖާތުގެ ބޮލަކުން އެ ލަފުޒު ނުއެއް ފުހެވުނެވެ. އެ ގުޅުމެއް ވެސް ނުފުހެވުނެވެ. އެތައް އަހަރަކުއްސުރެ އެހެން ކިޔަކިޔައި ނަޖާތަށް ހީވަނީ އެއީ ހަގީގަތެއްހެންނެވެ.
"ނަޖޫ! އަހަންނަކީ ނަޖޫގެ ބޭބެއެއްް ނޫނޭ!" ޓީވީ އަށް ބަލަން އިނދެ، މަޑުމަޑުން ރާއިދު ބުންޏެވެ. "ޑީއެންއޭ ހަދަންވީނު؟ އެއްވެސް ހިސާބަކުން އަހަރުމެންގެ ލިންކެއް ނޯންނާނެ. މިސާލަކަށް، މިހިރަ ޓީވީއާ ދިމާލަށް އެއް ހާސް ފަހަރު އަންކަލް ކިޔަސް އެއީ އަންކަލްއަކަށް ވާނެތަ؟"
ނަޖާތު ހޭން ފެށިއެވެ. ރަކި ހިންޏެކެވެ.
"ބުނެބަލަ! ވާނެތަ؟" ރާއިދު އެހިއެވެ. "ނުވާނެ. ހަމަ އެ ގޮތަށް.."
"ލުކް! އަހަރުމެން ކުޑަ އިރުއްސުރެ ބޭބެ ކިޔާކިޔާ ބޭބެ ފީލްވެފަ ހުންނަނީ،" ނަޖާތު ވަރަށް ސާދާކޮށް ބުންޏެވެ. "ބޭބެ ހަމަ ބުނާ އިރަށް އަހަރެން ޓަސްލާފަ ކިހިނެއް އޭތި.. ލަވް އަށް ޗޭންޖު ކުރާނީ؟ އައި ކާންޓް! އަހަންނަށް ވަރަށް އުނދަގޫ މި ވާހަކަ ދައްކަން ވެސް. އެހެން ވާހަކައެއް ދައްކަންވީނު؟ އަހަންނަށް ޔަގީން ބޭބެގެ މަމްއަށް މި ވާހަކަ އެނގިއްޖެއްޔާ..."
"މަމް ބުނެގެން މި ވާހަކަ ދައްކާށޭ މިއަދު މި އައީ ވެސް." ރާއިދު ބުންޏެވެ.
ނަޖާތު ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އިނެވެ. ގަބޫލުކުރަން ދަތިވެފައެވެ.
"ސީރިޔަސްލީ؟" ނަޖާތު އެހިއެވެ.
"ހަމަ ސީރިޔަސްކޮށް،" ރާއިދު ބުންޏެވެ. "އަހަރެން ނަޖޫއާ މެރީ ކުރުމަކީ މަންމަގެ ވަރަށް ބޮޑު ވިޝްއެއް. މަންމަ ވަރަށް ބޭނުން. ވަރަށް ގިނަ ދުވަސް ވެއްޖެ ކިޔާތާ ނަޖޫއާ ވާހަކަ ދައްކަބަލާށޭ! އަހަންނަށް ހީވަނީ ނަޖޫ މަންމަ އަށް ވެސް މި ކަން އެނގޭހެން. ބެސްޓްފްރެންޑްސް ވިއްޔަ! އެނގޭނެއްނު!"
އެތައް އިރެއް ވަންދެން ނަޖާތު އެއްޗެއް ނުބުނެ ވިސްނަން އިނެވެ. ނަޖާތު ރުހޭ އެތައް ސިފައެއް ރާއިދުގެ އެބަ ހުއްޓެވެ. އެހެނަސް، ބޭބެއެއް ގޮތަށެވެ. އެހެން ނަޒަރަކުން ނަޖާތު ވިސްނައިފައެއް ނެތެވެ. ޖެހޭނީ ވިސްނުން ބަދަލުކުރާށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.
"އޯކޭ!" ނަޖާތު ބުންޏެވެ. "ދެން އެހެން ވެއްޖެއްޔާ އަހަރެން ވިސްނާލަން ޓައިމްކޮޅެއް ދީ!"
"ތީގެ މާނައަކީ ޔޫ ޑޯންޓް ލައިކް މީއޭ ދޯ؟" ހިތްހަމަނުޖެހިފައި ރާއިދު ބުންޏެވެ.
ނަޖާތުއަށް އެއްޗެއް ބުނެވުމުގެ ކުރިން ރާއިދު ތެދުވެގެން ހިނގައިގަތެވެ. ނަޖާތު ދެ ފަހަރަކު ގޮވައިލުމުން ވެސް ރާއިދެއް ނުހުއްޓުނެވެ. ނުވެސް ބެލިއެވެ. އެއީ ދެ މަންމަ ބަދިގެއިން ނުކުތް ވަގުތެވެ. އޭރު ރާއިދު ނުކުމެއްޖެއެވެ.
"ކޮބާ ރާއިދު؟" ރާއިދުގެ މަންމަ އެހިއެވެ.
"ހިނގައްޖެ!" އިސްޖަހާލައިގެން އިން ނަޖާތު ބުންޏެވެ.
"އެއީ ކީއްވެ؟" ނަޖާތުގެ މަންމަ އެހިއެވެ.
ހައިރާންވީ ހާމިދާއެވެ. ހާމިދާ އަށް ބަލާލައިފައި ސަލްވާ އަވަސްއަވަހަށް ނުކުތީއެވެ. އެއިން ނަޖާތުއަށް އެނގުނު އެއްޗަކީ، ރާއިދު މަންމަ އަށް ހުރިހައި އެއްޗެއް އެނގުނަސް، ނަޖާތުގެ މަންމަ އަށް އެކައްޗެއް ވެސް ނޭނގޭ ކަމެވެ.
ހަވީރު ޖެހުނު މައްސަލައަށް، އިރުއޮއްސުނު އިރު ވެސް ހައްލެއް ނުލިބެއެވެ. ރާއިދުގެ ކޮޓަރީގައި މައްސަލަ ދިޔައީ ހޫނުވަމުންނެވެ. ރާއިދު ގާތުގައި، އެނދުގައި އިށީނދެލައިގެން ސަލްވާ އިނެވެ. ހުއްޓައިނުލައި ރާއިދުގެ ކޮނޑުގައި ފިރުމިއެވެ. އެ ފިރުމުމަކުން ރާއިދަކަށް އެއްވެސް އަސަރެއް ނުކުރިއެވެ.
"މަންމަޔާ ހެދި މިހެންވީ!" ރާއިދު ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "ނަޖޫއަކީ މަންމަގެ ބެސްޓްފްރެންޑްގެ ދަރިއެކޭ މަންމާ! ކީއްކުރަން ނަޖޫ ލައްވާ އަހަންނަށް ބޭބެ ކިއުއްވީ؟" (ނުނިމޭ)