13 ޖެނުއަރީ 2025 - 11:27

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އިއްޔެ ފާސްކުރަންފެށި ރ. މީދޫ އާއި އެ އަތޮޅު އަލިފުށިން 12 ގެ ބަލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އިއްޔެ ހަވީރު އެ ދެ ރަށުގެ ގެތައް ފާސްކުރަން ފެށީ ސިހުރު ހަދާ ކަމަށް ރިޕޯޓު ކުރުމުންނެވެ.
ފުލުހުން ބުނީ މީދޫން ހަތް ގެ އަދި އަލިފުށިން ފަސް ގެ ފާސްކޮށްފައިވާ ކަމަށެވެ.
ފާސްކުރި ގެތަކުން މީހަކު ހައްޔަރުކުރިކަމެއް އަދި އެ ގެތަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުންޏެވެ.
އެ ދެ ރަށުގެ މީހުން ސޯޝަލް މީޑިއާގައި ވެސް އަންނަނީ ސިހުރު ހަދާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.