"މަލިކާ" އަޅުވަން ސްކޫލްތަަކުގެ ޕީޓީއޭތަކަަށް ހާއްސަ ފުރުސަތެއް ހުޅުވާލައިފި
"މަލިކާ" އަޅުވަން ސްކޫލްތަަކުގެ ޕީޓީއޭތަކަަށް ހާއްސަ ފުރުސަތެއް ހުޅުވާލައިފި

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ އާއިލީ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "މަލިކާ" މާލެ އާއި ރަށްރަށުގެ ސްކޫލްތަކުގައި އަޅުވަން ޝައުގުވެރިވާ ޕީޓީއޭތަކަށް "މަލިކާ" ގެ ޓީމުން ހާއްސަ ފުރުސަތެއް ހުޅުވާލައިފި އެވެ.

އެ ފިލްމުގެ މާކެޓިން މެނޭޖަރު ހުސައިން ނޫރައްދީން ބުނީ "މަލިކާ" އަކީ ވަރަށް އިބުރަތްތެރި މެސެޖްތަކެއް ފޯރުކޮށްދޭ ފިލްމަކަށްވާތީ، ވީހާ ވެސް ގިނަ ބަޔަކަށް ފިލްމް ދައްކައިލަން ބޭނުންވާ ކަމަށެވެ.

އެގޮތުން 15 އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ފިލްމް ސްކޫލްތަކުގެ ޕީޓީއޭތަކާ ގުޅިގެން ސްކޫލްތަކުގައި އަޅުވަން ހުޅުވާލީ، ފިލްމްގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ ބައެއް ދެ ފަރާތް އެއްބަސްވާ ގޮތަކަށް ހިއްސާ ކުރާ ގޮތަށެވެ.

އެހެންވެ ޝައުގުވެރިވާ މާލެ އާއި ރަށްރަށުގެ ސްކޫލްތަކުގެ ޕީޓީއޭތަކުން "މަލިކާ" ގެ ހޮޓްލައިން 7447555 އަށް ގުޅައިގެން އިންތިޒާމްތައް މިހާރު ހަމަޖެއްސޭނެ އެވެ.

"މީގެ އެއް ބޭނުމަކީ ސްކޫލްތަކުގެ ޕީޓީއޭ އިން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފަންޑް ހޯދުން. އަޅުގަނޑުމެން ގުޅިގެން ސްކޫލްތަކުގައި ފިލްމް ދެއްކޭނެ އިންތިޒާމް ހަމަޖެއްސީމަ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ޕަސަންޓެއް، ދެ ފަރާތް އެއްބަސްވާ ގޮތަކަށް ހަމަޖެއްސޭނެ،" ނޫރު ބުންޏެވެ.

އޭނާ ބުނީ ސްކޫލްތަކުގައި ފިލްމް އަޅުވާ އިރު، ޕީޓީއޭ އިން ޓިކެޓް ވިއްކުމުގެ އިތުރަށް "މަލިކާ" ޓީމުން ވެސް ޓިކެޓް ވިއްކާނެ ކަމަށެވެ.

"އޭރުން ދެ ފަރާތަށް ވެސް ފަސޭހަކޮށް ވީހާ ވެސް ގިނައިން ޓިކެޓް ވިއްކުމުގެ ފުރުސަތު ބޮޑު ވާނެ،" ނޫރު ބުންޏެވެ. "އަސްލު ޕީޓީއޭތަކާ ގުޅިގެން ފިލްމް ސްކޫލްތަކުގައި ދައްކަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ މަލިކާ އިން މުޖުތަމައަށް ވަރަށް އިބުރަތްތެރި، ބޭނުންތެރި މެސެޖްތަކެއް ފޯރުކޮށް ދޭތީ. މި ފިލްމް ހެދުމުގެ މައިގަނޑު އެއް ބޭނުމަކީ ވެސް އެއީ."

"މަލިކާ" އަކީ އަހުމަދު ނާސިރު (މައްލާ ނާބެ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށް، ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް، އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ މި ފިލްމެކެވެ.

މަލިކާ" ގެ ޓައިޓްލް ރޯލް "ކުޅެފައި ވަނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

އޭނާއާ އެކު ފިލްމުން މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ފެނިގެން ދެ އެވެ.

"މަލިކާ" ގެ ޝޯތައް މި މަހުގެ 20 އާ ހަމައަށް އޮލިމްޕަހުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ބައެއް ރަށްރަށުގައި ވެސް އަންނަނީ ފިލްމް ދައްކަމުންނެވެ.