09 މާޗް 2017 - 16:27

ދިމިޝްގު (މާޗް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް އެހީވުމަށް އެމެރިކާ ސިފައިން ބަރު ހަތިޔާރާ އެކު ސީރިއާ އަށް ހިނގައްޖެ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
އެމެރިކާ ސިފައިން ސީރިއާ އަށް ދިޔައީ އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފުމަށް ސީރިއާ ސިފައިން މިހާރު ކުރާ ހަނގުރާމައިގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ. ސީރިއާ އަށް ފޮނުވި ސިފައިންގެ އިތުރުން، ބޭނުންވެއްޖެ ނަމަ އައިއެސްއާ ހަނގުރާމަ ކުރުމަށް 1،000 ސިފައިން ކުވޭތަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ޕެންޓަގަނުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސްގެ ސިފައިން ސީރިއާ އަށް ފޮނުވާފައި ވަނީ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ސިފައިންނަށް ތަމްރީނުދީ އެހީތެރިވުމަށެވެ.
އައިއެސް ބަލިކޮށްލުމާ ބެހޭ ގޮތުން ޕެންޓަގަނުން ތައްޔާރުކުރި އާ ޕްލޭން މިދިޔަ ހަފުތާގައި ވަނީ ވައިޓްހައުސް އަށް ފޮނުވައިފަ އެވެ. އެ ޕްލޭނުގައި ވަނީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު އިތުރު ކުރުމަށް ހިމަނައިފަ އެވެ.
ރައްގާ ހިފުމުގެ ހަނގުރާމަ ވަރުގަދަކޮށްފައިވާ އިރު އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ކަމަށްވާ މޫސަލް ހިފުމަށް އިރާގު ސިފައިންނާއި އަރަބި ހަނގުރާމަވެރިން ދަނީ ހަމަލާ ދެމުންނެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތައް މިދިޔަ މަހު ހިފުމަށް ފަހު ހުޅަނގުގެ ހިސާބުތައް ހިފުމަށް ކުރާ ހަނގުރާމައިގައި މިހާރު ވަނީ ސަރުކާރުގެ އޮފީސްތައް ހުންނަ އިމާރާތާއި މިއުޒިމާއި ބޭންކް އަދި ޖަލު އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.