25 ޖެނުއަރީ 2025 - 20:25

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އެ ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ރޯކޮށްލާފައިވަނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުގައި، އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސައިކަލުގައި ރޯކޮށްލި ކަމަށް އެ މީހާ އިއުތިރާފުވެ، ކޯޓުގައި ބުނެފައިވާ ގޮތުގައި އެއީ ބަނގުރާ ބޮއެގެން މަސްތުގައި ހާލަތުގައި ހުރެގެން ކުރެވުނު ކަމެކެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ގެއްލުން ދިން ސައިކަލަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާއަކީ ބަންދު ރެކޯޑް ގިނަ އަދި ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.