28 ޖެނުއަރީ 2025 - 15:02

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ 100 ޕަސެންޓު ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުއިއްޒު ދެމެދު މައްސަލަ ގޯސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މަޖިލިސް ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަޝްވަރާތައް ވެސް ނުރަސްމީ ގޮތެއްގައި ހިނގަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ފަލާހު ވިދާޅުވީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް އަބަދުވެސް އޮންނާނީ ރައީސް އާއި ސަރުކާރާ އެކީގައި ކަމަށެވެ.
"ޕީޖީ ގްރޫޕް 100 ޕަސެންޓު އޮންނާނީ ރައީސް އާ އެކީ،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވަނީ އަބްދުއްރަހީމް ވަކި ކުރަން މަސައްކަތް ފަށާފައިވާ ވާހަކަ ދޮގު ކޮށްފަ އެވެ. އެފަދަ އެއްވެސް ކަމެއް ޕީޖީ ތެރޭގައި ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ފައިސަލް ވިދާޅުވީ އޭނާއަށް ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ފައިސަލް ވަކި ކުރެއްވި މައްސަލާގައި އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި އިހްލާތެރިކަމާ އެކު މަސައްކަތް ކުރައްވައި ފައިސަލް ނަތީޖާ ނެރެދެއްވި ކަމަށެވެ. އޭނާ ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.