އިޒްރޭލުން މިނިވަންކުރި މީހުންގެ ތެރޭގައި ފަލަސްތީނުގެ އެންމެ ވަރުގަދަ އެއް މުޖާހިދު
އިޒްރޭލުން މިނިވަންކުރި މީހުންގެ ތެރޭގައި ފަލަސްތީނުގެ އެންމެ ވަރުގަދަ އެއް މުޖާހިދު

އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާ ދިނުން މެދުކަނޑާލަންވީ އެއްބަސްވުމުގެ ދަށުން މިއަދު އިޒްރޭލުގެ ތިން ރަހީނަކު މިނިވަންކުރުމުން އިޒްރޭލުން ދޫކޮށްލި ފަލަސްތީނުގެ 110 މީހުންގެ ތެރޭގައި ފަލަސްތީނުގެ އެންމެ ވަރުގަދަ އެއް މުޖާހިދު ވެސް ހިމެނިއްޖެ އެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގެން އުޅޭ އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރި ޖަމާއަތެއްގެ ލީޑަރެއްގެ ގޮތުގައި އިޒްރޭލާ ދެކޮޅަށް ވަރުގަދަ އެތައް ހަމަލާއެއް ރޭވި ޒަކަރިއްޔާ ޒުބައިދީ، 49، މިނިވަންކޮށްފައި ވާއިރު މިއީ މިފަހަރު އިޒްރޭލުން މިނިވަންކުރި އެންމެ މުހިންމު އެއް ގައިދީ އެވެ.

ޒުބައިދީއާ އެކު މިނިވަންކުރި 110 މީހުންގެ ތެރޭގައި އުމުރުން 18 ނުފުރޭ 30 ކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން، 2000ގެ ކުރީކޮޅު ހިންގި ދެ ވަނަ އިންތިފާޟާގެ ތެރޭގައި ޒުބައިދީގެ މަގުބޫލުކަން ބޮޑުވި އެވެ. އެއީ ޖަނީން އާއި އެތަނުގެ ރެފިއުޖީ ކޭމްޕުގައި އެންމެ ކުޅަދާނަ އެއް މުޖާހިދުގެ ގޮތުގަ އެވެ.

އިންތިފާޟާގެ ތެރޭގައި އިޒްރޭލުން ޖަނީންގެ ރެފިއުޖީ ކޭމްޕެއް ރެޑިްކޮށް، ބަޑިން ހަމަލާދީ ޒުބައިދީގެ މަންމަ ޝަހީދުކޮށްލި އެވެ.

ޒުބައިދީ އަކީ އިޒްރޭލާ ދެކޮޅަށް ދީފައިވާ ގެއްލުން ބޮޑު ވަރަށް ގިނަ ހަމަލާތަކުގައި ފަހަތުގައިވާ ސިކުނޑި އެވެ. އެހެންވެ އޭނާއާ ދެކޮޅަށް އިޒްރޭލުން ނުކުތުމާ އެކު އަތު ނުޖެހި އެތައް އަހަރެއް ވަންދެން ހޭދަކުރި އެވެ.

އުމުރުން 14 އަހަރުގައި، 1989 ވަނަ އަހަރު ޖަލުގައި ދުވަސްކޮޅަކު ހޭދަކުރުމަށް ފަހު ޒުބައިދީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޕާޓީގައި ހަރަކާތްތެރިވި އެވެ. އޭގެ ފަހުން 1990 ގައި، އިޒްރޭލު ސިފައިންނާ ދިމާލަށް ގަލާއި އަލިފާން ބޮން އުކައިގެން އަނެއްކާ ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ފަހުން ޒުބައިދީގެ މަގުބޫލުކަން ބޮޑުވެ އޭނާ ވަނީ ފަތަހް ޖަމާއަތުގެ ހަތިޔާރުއެޅި ގޮފި ކަމަށްވާ އަލްގާ މާތީރް ބްރިގޭޑްގައި ޖަނީން ސަރަހައްދުގެ ލީޑަރުކަން ކުރައްވައިފަ އެވެ.

އޮސްލޯ މުއާހަދާގެ ދަށުން 1994 ވަނަ އަހަރު އަނެއްކާވެސް ޒުބައިދީ މިނިވަންވުމާ އެކު ހުޅަނގު އައްސޭރީގެ އަރީހާގައި އަލަށް އުފެއްދި ފަލަސްތީނު ސަރުކާރުގެ ސަލާމަތީ ބާރުތަކާ ކުރީގެ އެހެން ގައިދީންނާ އެކު އޭނާ ގުޅިވަޑައިގަތެވެ.

އެކްސިޑެންޓަކުން އެއްޗެއް ގޮވުމުގެ ސަބަބުން 2001 ވަނަ އަހަރު ޒުބައިދީ ވަރަށް ބޮޑަށް ފިހުނެވެ. މޫނާއި ލޮލުން މިހާރުވެސް އެ ނިޝާންތައް ފެންނަ ހުރެ އެވެ.

އިޒްރޭލާ ދެކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކާ ގުޅިގެން ޒުބައިދީ ހޯދަން އިޒްރޭލުން މަސައްކަތް ފެށުމާ އެކު ފިއްލަވައި 2007 ވަނަ އަހަރާ ޖެހެންދެން ޒުބައިދީ އުޅުއްވި އެވެ. އެކަމަކު އެ ހިސާބުން ފަލަސްތީނު ސަރުކާރާ ހަތިޔާރު ހަވާލުކުރި އެވެ. އެއީ އިޒްރޭލުގެ "ވޯންޓެޑް" ލިސްޓުން އޭނާގެ ނަން އުނިކުރުމުގެ ޑީލަކާ އެކުގަ އެވެ.

ނަމަވެސް އިޒްރޭލުން 2011 ވަނަ އަހަރު މި ޑީލް، ވަކި ސަބަބެއް ނުބުނެ އުވާލި އެވެ. އަދި އިޒްރޭލު މީހުން އުޅޭ ހިސާބެއްގައި ހިންގި ބަޑި ޖެހުމުގެ ހާދިސާތަކެއްގެ ތުހުމަތަށް ހައްޔަރުކުރި އެވެ.

ޒުބައިދީއަށް އަމާޒުކޮށް އިޒްރޭލުން ދިން އެތައް ހަމަލާއަކުން ސަލާމަތްވެފައި ވާއިރު އެކަމަށް ނިސްބަތްކޮށް އިޒްރޭލުން ޒުބައިދީ އަށް ވަނަމެއްގެ ގޮތުގައި "ބްލެކް ރެޓް" އޭ ކިޔާ ކަމަށްވެ އެވެ.

ޖަނީންގައި ބަސް ވިކޭ އަދި 2021 ވަނަ އަހަރު އިޒްރޭލުގެ ހައި ސެކިއުރިޓީ ގިލްބޯއާ ޖަލުން ފިލި މަދު ގައިދީންގެ ތެރޭގައި ޒުބައިދީ ހިމެނުމަކީ ފަލަސްތީނު މީހުންގެ ތެރޭގައި ޒުބައިދީ ހާއްސަވާ އެތައް ސަބަބުތަކެއް ތެރެއިން ބައެއް ކަންކަމެވެ.

ޒުބައިދީ ޖަލުގައި ހުއްޓާ އޭނާގެ އެއްބަނޑު ކޮއްކޮއިންނާއި ދަރިފުޅު ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ. އެހެންވެ އޭނާ މިނިވަންވުމާ އެކު ފުރަމަ ޒިޔާރަތްކުރާނީ ދަރިފުޅުގެ މަހާނަ ދޮށަށް ކަމަށްވެ އެވެ.

މިފަހަރު އިޒްރޭލާއި ހަމާސް އިން ވީ އެއްބަސްވުމުގެ ދަށުން އިޒްރޭލުން މިނިވަންކުރާ ފަލަސްތީނު މީހުންގެ ތެރެއިން އިޒްރޭލާ ދެކޮޅަށް ނުރައްކާތެރި ހަމަލާތައް ދީފައިވާ ނުވަތަ އެފަދަ ހަމަލާތަކުގައި ބައިވެރިވުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ 230 އަށް ވުރެ ގިނަ ގައިދީން ދާއިމީކޮށް ގައުމުން ބޭރުކުރަން ޖެހެ އެވެ.