31 ޖެނުއަރީ 2025 - 11:43

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ލ. އަތޮޅު ފައިނަލުގައި ގަން ބަލިކޮށް އިސްދޫ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގަން ވަނީ މިހާތަނަށް ހަ ފަހަރު އަތޮޅު ތަށި ހޯދައިފަ އެވެ. ރޭގެ ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވި އިރު ގަމުގެ އަހުމަދު ހަލީމާއި އިސްދޫގެ ކެޕްޓަން އަލީ ހުމޭޒު ޖެހި ގޯލުތަކުން 1-1 އިން އެއްވަރު ވެފައި ވުމުން ޕެނަލްޓީގައި އިސްދޫ މޮޅުވީ 3-2 އިންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް އިސްދޫގެ ގޯލްކީޕަރު ވިސާމް އަބްދުﷲ ހޮވުނު އިރު، އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހުމޭޒު އެވެ. އެންމެ ގިނަ ލަނޑު ޖެހީ ގަމުގެ އަހުމަދު ހަލީމް އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ބާކީ ތިން ފައިނަލްގައި، ތ. ތިމަރަފުއްޓާއި ބ. އޭދަފުށި އަދި ޅ. ކުރެންދޫ ވެސް ވަނީ އަތޮޅު ތަށި ދިފާއުކޮށްފަ އެވެ.
ތ. ތިމަރަފުށި ވަނީ ފައިނަލްގައި 2-1 އިން ހިރިލަންދޫ ބަލިކޮށް ހަތް ވަނަ ފަހަރަށް އަތޮޅު ތަށި ކާމިޔާބު ކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ތިމަރަފުށީގެ އަހުމަދު އަފްލާޒް އެވެ. އަތޮޅުން އެންމެ ގިނަ ލަނޑު ޖެހީ ހިރިލަންދޫގެ މުހައްމަދު ނިޝާހް އެވެ.
ބ. އަތޮޅުގެ ތަށި އޭދަފުށި ދިފާއުކުރީ ރޭގެ ފައިނަލްގައި 3-1 އިން ތުޅާދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު ހޮވުނު އިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހް އެވެ. އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ އޭދަފުށީގެ ހުސެއިން ޝަރީފް އެވެ.
ޅ. އަތޮޅުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކުރެންދޫ ހޯދީ ފައިނަލް މެޗުގައި 2-0 އިން ނައިފަރު ބަލިކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ކުރެންދޫގެ ގޯލްކީޕަރު އިބްރާހިމް މީސަމް ހޮވުނު އިރު، އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ނައިފަރުގެ އިބްރާހިމް ޝަރީފް މުހައްމަދެވެ.
މިރޭ 8 ޖަހާއިރު މާފުއްޓާއި ކާށިދޫ ބައްދަލުކުރާ ކ. އަތޮޅު ފައިނަލް މެޗަށް ފަހު، ޒޯން ބުރުގެ ކުޅުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިރޭ ޒޯން 4ގެ ދެ މެޗާއި ޒޯން 2 ގެ ދެ މެޗު ކުޅޭނެ އެވެ.