01 ފެބުރުއަރީ 2025 - 16:45

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކ. އަތޮޅުގެ ޗެމްޕިއަންކަން މާފުށި ހޯދައިފި އެވެ.
މާފުށި ވަނީ ރޭގެ ފައިނަލްގައި 1-0 އިން ކާށިދޫ ބަލިކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ޝާވިން ޝިހާމް އެވެ.
ކ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފުށީގެ އަހުމަދު ޝަމާލް އެވެ. ޓޮޕް ސްކޯރާގެ މަގާމު ހޯދީ ޝަމާލް އާއި ދިއްފުށީގެ ޒައިން ޒަފަރެވެ.
މިއީ މާފުށިން އަތޮޅު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. ފުރަތަމަ ހޯދީ 2018 ވަނަ އަހަރެވެ.
ކ. އަތޮޅު ފައިނަލަށް ފަހު ރޭ ވަނީ ޒޯން ބުރުގެ ކުޅުން ވެސް ފަށައިފަ އެވެ. އެގޮތުން ފުރަތަމަ ކުޅުނީ ޒޯން 4 ގެ ދެ މެޗެވެ. ވ. ކެޔޮދޫ ވަނީ 2-1 އިން އދ. މަންދޫ ބަލިކޮށްފަ އެވެ. އަދި އއ. މަތިވެރި ވަނީ 5-1 އިން އއ. ތޮއްޑޫ ބަލިކޮށްފަ އެވެ.
އެއަށް ފަހު ކުޅުނީ ޒޯން 2ގެ ދެ މެޗެވެ. ރ. އިނގުރައިދޫ 3-0 އިން ށ. މިލަންދޫ ބަލިކުރި އިރު، ރ. ދުވާފަރު ވަނީ 2-1 އިން ށ. ކަނޑިތީމު ބަލިކޮށްފަ އެވެ.
މިރޭ ފުރަތަމަ 8 ޖަހާއިރު ކުޅޭނީ ދިއްދޫ އާއި ވަށަފަރު ވައްދަލުކުރާ ހއ. އަތޮޅު ފައިނަލާއި ނޭކުރެންދޫ އަދި ނައިވާދޫ ބައްދަލުކުރާ ހދ. އަތޮޅު ފައިނަލެވެ. އެއަށް ފަހު ޒޯން 7 ގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ޏ. ފުވައްމުލަކު ދަނޑިމަގު ޓީމު ވެސް މި ޒޯންގައި ހިމެނެ އެވެ.