"މޮއާނާ" ގެ ޓީޒާ ޓްރެއިލާ، ވަރަށް ސަޅި
"މޮއާނާ" ގެ ޓީޒާ ޓްރެއިލާ، ވަރަށް ސަޅި

މިއީ އަދި ޓީޒާ ޓްރެއިލާ އެވެ. ރަސްމީ ޓްރެއިލާ ކުރިއަށް އަދިި އޮތީ އެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް އަންނަ ޑިސްނީގެ އެނިމޭޓެޑް ފިލްމް "މޮއާނާ" ބަލާލަން، އެނިމޭޝަން ފިލްމުތަކަށް ލޯބިކުރާ މީހުން މިހާރު ވެސް ތިބީ ކެތްމަދުވެފަ އެވެ.

ޓީޒާ ޓްރެއިލާކޮޅު ބަލާލައިގެން މި ވަގުތަށް ހިތްހަމަޖައްސާލަނީ އެވެ. ކަނޑުމަތީގެ ހާދިސާތަކާ އެކު ވަރަށް އެޑެވެންޗަރަސް ރަހަތަކެއް ގެނެސްދޭ "މޮއާނާ" ގެ ވާހަކަ އެނބުރެނީ ފިލްމުގެ ޓައިޓްލް އާ އެއްގޮތަށް އަންހެން ކެރެކްޓާއެއްގެ ވަށައިގެންނެވެ.

ހިތްގައިމު ނޫވިލުތަކާއި ކަނޑުތަކާއި ރުއްރުއްކާއި ނޫ އުޑާއި ކަނޑުގެ ހިތްގައިމު ދިރުންތަކާ އެކު، "މޮއާނާ" ޓީޒާ ޓްރެއިލާކޮޅާ އެކު ޑިސްނީން ވަނީ ބެލުންތެރިން ދަހިކޮށްލައިފަ އެވެ. ބަލާލަން ވަރަށް ރީތި ހިތްގައިމު މަންޒަރުތަކެކެވެ.

ދިވެހި ފޭނުންނަށް "މޮއާނާ" ގެ "ދުނިޔެ" ސިފަ ވާނީ ރާއްޖެ ކަހަލަ ތަނެއްގެ ގޮތުގައިވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ފިލްމުގެ ވާހަކަ ކަނޑު މައްޗަށް ބިނާވެފައި އޮތުމުން ރާއްޖޭން ފެންނަ ކަހަލަ ގުދުރަތީ ވަރަށް ހިތްގައިމު މަންޒަރުތަކެއް އެނިމޭޝަންތަކެއް ފިހުން ކުލަ ޖެހިގެން ފިލްމުން ފެނިގެން ދާނެ އެވެ.

އެނިޝޭން އާއި ޑިސްނީ ގުޅުވައިލާ ނަމަ މި ވާހަކަ ދައްކައި ކޮޅަކުން ނުލާނެ އެވެ. އެހާ ވެސް ފުރިހަމަވެފައި މޮޅުވާނެ އެވެ.

އަނެއްކާ "މޮއާނާ" ބެލުންތެރިންނާ ހަމައަށް މި އަންނަނީ ޑިސްނީން މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި އެނިމޭޓެޑް ފިލްމް "ޒޫޓޯޕިއާ" ތާރީހުގެ ތެރެއަށް ވެސް ވަދެފައި ވަނިކޮށެވެ.

އެ ފިލްމަކީ މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީ ފަހަނަ އަޅައި ދިޔަ ހަތަރު އެނިމޭޓެޑް ފިލްމެވެ. އެހެންވެ "މޮއާނާ" އަށް ކުރެވޭ އުންމީދުތައް ހުރީ ވަރަށް އުހުގަ އެވެ.

ނޮވެމްބަރު 23 އާ ހަމައަށް ޖެހޭނީ އިންތިޒާރެއްކޮށްލާށެވެ.

ޖޯން މަސްކާ އާއި ރޮން ކްލެމެންޓްސް ޑައިރެކްޓްކޮށްފައިވާ "މޮއާނާ" ހާއްސަވާ އަނެއް ކަމަކީ ފިލްމުގެ ވަރަށް މުހިއްމު ކެރެކްޓާއަކަށް ޑްވޭން ޖޯންސަން (ރޮކް) އަަޑު އަޅައި ދީފައިވުމެވެ. ބިޔަ ހަށިގަނޑަކާއި ޓެޓޫތަކުން ޖަރީވެފައިވާ އެ ކެރެކްޓާގެ ނަމަކީ މައުއީ އެވެ. މިއީ ބެލުންތެރިން ހެއްވާލަ ދާނެ ކެރެކްޓާއެކެވެ. ޓީޒާ ޓްރެއިލާ އިން ވެސް އެ ކަން ކަށަވަރުކޮށް ދެ އެވެ.

"މޮއާނާ" ޑައިރެކްޓްކޮށްފައި ޑިސްނީގެ ދަ ޕްރިންސެސް އެންޑް ދަ ފްރޮގް (2009)، ހާކިއުލެސް (1997) އަދި ދަ ލިޓްލް މާމެއިޑް (1989) ފަދަ ފިލްމްތައް ގެނެސް ދީފައިވާ މަސްކާ އާއި ރޮންއަށްވުމަކީ ވެސް ފިލްމަށް އިންތިޒާރު ކުރެވޭ ސަބަބެކެވެ.