އިންޑިއާގެ މުހިންމު ސްޓޭޓްތައް މޯދީގެ ޕާޓީ އަށް
އިންޑިއާގެ މުހިންމު ސްޓޭޓްތައް މޯދީގެ ޕާޓީ އަށް

ނިއު ދިއްލީ (މާޗް 11) - ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދައުރުގެ މެދުތެރޭން ބޭއްވި އިންތިޚާބުގައި މުހިންމު ސްޓޭޓްތައް އެމަނިކުފާނުގެ ޕާޓީން ކާމިޔާބުކޮށްފި އެވެ.

އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓް އުތުރުގެ އުއްތަރަ ޕްރަދޭޝްގެ އެސެމްބްލީ އިންތިޚާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން މި ހޯދި ކާމިޔާބީއަކީ 1980 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓުގައި އެ ޕާޓީ ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ޕާޓީ އަށް ކެމްޕޭން ކޮށްދިނުމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އަމަލީ ގޮތުން ވަރަށް މަސައްކަތް ކުރައްވައިފަ އެވެ. ބީޖޭޕީއާ އެންމެ ބޮޑަށް ވާދަކޮށްފައި ވަނީ ސަމަޖްވާދީ ޕާޓީ އާއި ބަހުޖާން ސަމާޖް ޕާޓީ އެވެ. ބީޖޭޕީ ވަނީ ކޮންމެ 10 ގޮނޑިއަކުން ހަތަރު ގޮނޑި ކާމިޔާބުކޮށްފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އުއްތަރަކާންދުގެ އިންތިޚާބު ވެސް ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ބީޖޭޕީ އެވެ.

"އުއްތަރަ ޕްރަދޭޝްގެ ރައްޔިތުންނަށް ހިތުގެ އަޑިން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ބީޖޭޕީ އަށް ވަރަށް ތާރީޚީ ކާމިޔާބީއެއް،" މޯދީ ޓްވީޓް ކުރައްވާފައިވެ އެވެ.

ބީޖޭޕީގެ މި ކާމިޔާބީއާ ގުޅިގެން ޕާލަމެންޓުގެ އަޕަ ހައުސްގައި އެ ޕާޓީގެ ބާރުގަދަވާނެ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ދަތިވެފައި ވަނީ ޕާލަމެންޓުގެ ތެރޭން ކުރިމަތިވާ ހުރަސްތަކުންނެވެ.