05 ފެބުރުއަރީ 2025 - 14:27

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ކައުންޓަރު ކައިރީގައި ހުރި ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ވަނީ އެ މީހާ ފޮށިގަނޑު ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު މިއަދު އާންމުކޮށް، އެ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަ މީހާ އަކީ އެއާޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރާ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއް ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އޭނާ ހޯދަން އިއުލާންކުރީ ސީޕްލޭން ޓާމިނަލްގެ ކައުންޓަރު ކައިރީގައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާއަކީ ހޯދަން ބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.