11 ފެބުރުއަރީ 2025 - 19:07

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ "ރަށު އެކްސްޕޯ"ގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސޮއި ކޮށްފި އެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވަނީ ގިނަ ރައްޔިތުންނާ ގުޅޭ އެފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ފަހުރެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
"މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނޭކަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
އެ އެކްސްޕޯ އިންތިޒާމުކުރާ ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ބައިވެރިވުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ.
އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ ކުންފުނިން އެ އިވެންޓުގައި ބައިވެރިވި ކަމީ އެ އެކްސްޕޯ އަށް ލިބޭ އިތުރު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ރަށު އެކްސްޕޯ" އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. އެ އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލްތައް ހުންނާނެ އެވެ.