ޒީ ސިނެ އެވޯޑު: އެންމެ މޮޅު ބަތަލު އަމީތާބު، ބަތަލާ އާލިއާ ބަޓް
ޒީ ސިނެ އެވޯޑު: އެންމެ މޮޅު ބަތަލު އަމީތާބު، ބަތަލާ އާލިއާ ބަޓް

ޒީ ސިނެ އެވޯޑަކީ ބޮލީވުޑް ފިލްމުތަކަށް ދޭ އެވޯޑުތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ އެވޯޑެކެވެ. މިއަހަރުގެ ޒީ ސިނެ އެވޯޑްސް ހޮނިހިރު ދުވަހުގެ ރޭ ވަނީ ދީފަ އެވެ.

ހިންދީ ފިލްމުތަކުގައި މަސައްކަތްކުރާ މަޝްހޫރު ތަރިންނާއި ފަންނާނުން ބައިވެރިވި މި ޝޯގައި ސަލްމާން ޚާނާއި ވަރުން ދަވަން، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ފަދަ ތަރިން ޕާފޯމްކުރި އެވެ.

މިފަހަރު އެންމެ މޮޅު ބަތަލުގެ އެވޯޑު ގެންދިޔައީ "ޕިންކް" އިން އަމީތާބު ބައްޗަން އެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑު "އުޅްތާ ޕަންޖާބު" ކުޅެގެން އާލިއާ ބަޓަށް ލިބުނުއިރު އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ "ނީރްޖާ" އުފެއްދި ރާމް މަދްވާނީ އެވެ.

އެންމެ މޮޅު ފިލްމަކަށް ފަނޑިޔާރުން ހޮވާފައި ވަނީ "ޕިންކް" އެވެ. ނަމަވެސް ބެލުންތެރިންގެ ހޮވުމަކީ އާމިރު ޚާންގެ "ދަންގަލް" އެވެ. ވިއުއާޒް ޗޮއިސް އެވޯޑުތަކުގެ ތެރެއިން އެންމެ މޮޅު ބަތަލާގެ އެވޯޑު "ސުލްތާން" އިން އަނުޝްކާ ޝަރުމާއަށް ލިބުނު އިރު އެންމެ މޮޅު ބަތަލުގެ އެވޯޑު ގެންދިޔައީ ހަމަ މި ފިލްމުން ސަލްމާން ޚާނެވެ.

އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރުގެ އެވޯޑު "ނީރްޖާ" ގައި ނުބައިބައި ކުޅުނު ޖިމް ސަރްބް އަށް ލިބުނުއިރު އަލަށް ތައާރަފްވި އެންމެ ކުޅަދާނަ ބަތަލާއަކަށް ހޮވުނީ "ސާލާ ކަޅޫސް"ގެ ބަތަލާ ރިތިކާ ސިންގް އެވެ. އަލަށް ތައާރަފްވި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވިފައިވަނީ "ޕިންކް" އުފެއްދި އަނިރުދާ ރޯއި ޗައުދަރީ އެވެ.

އެންމެ މޮޅު ކޮމިކް ރޯލެއް ކުޅުނު އެކްޓަރަކަށް ހޮވުނީ "ކަޕޫރު އެންޑް ސަންސް" އިން ރިޝީ ކަޕޫރެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް ހޮވިފައިވަނީ "ނީރްޖާ" އިން ޝަބާނާ އަޒްމީ އެވެ.

މިއުޒިކްގެ ކެޓަގްރީތަކުގެ ތެރެއިން އެންމެ މޮޅު މިއުޒިކްގެ އެވޯޑު ލިބުނީ "އޭ ދިލް ހެ މުޝްކިލް" އަށެވެ. އެންމެ މޮޅު ލަވައަކަށް ހޮވުނީ މި ފިލްމުގެ "ޗަންނާ މޭރޭޔާ" އެވެ. އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކަށް ހޮވުނީ 'އޭ ދިލް ހެ މުޝްކިލް"ގެ ޓައިޓްލް ލަވަ ކިޔައިގެން އަރިޖީތު ސިންގް އެވެ. އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔަކީ "ސުލްތާން"ގެ ޖަގް ގޫމިޔާ" ކިޔައިދީޣެން ނެހާ ބަސީން އެވެ.