14 ފެބުރުއަރީ 2025 - 14:52

މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ ވަނީ ޔޫތު މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އީގަލްސް 3-1 އިން ބަލިކޮށްފަ އެވެ.
ފުރަތަމަ ހާފުގައި މާޒިޔާ ވަނީ މުހައްމަދު އިމާވް އަހުމަދާއި މުހައްމަދު އިލާން އިމްރާންގެ ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަނޫފް އަބްދުﷲ އެވެ. އީގަލްސްގެ ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އީމާން މުހައްމަދު ވަހީދެވެ.
މިއަހަރު އީގަލްސްގެ ކޯޗަކީ އަހުމަދު ފައްރާހު (ފައްރަ) އެވެ. މާޒިޔާއަށް ކޯޗު ކޮށްދެނީ އީގަލްސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު ފަހުން މާޒިޔާއާ ގުޅުނު އިބްރާޙިމް ސައީދު (ކަކާ ކޯޗް) އެވެ. މިދިޔަ އަހަރު ކަކާ ކޯޗާ އެކު މާޒިޔާ ވަނީ ސެމީ ފައިނަލް ކުޅެފަ އެވެ.
ދެވަނަ މެޗުގައި ރޭ ވެލެންސިއާ މޮޅުވީ ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް 2-0 އިންނެވެ. ވެލެންސިއާ މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނެގީ ލަހުފާން އަހުމަދު ޝަހީމް ކާމިޔާބު ކޮށްދިން ގޯލުންނެވެ. ދެވަނަ ލަނޑު 81 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ކާއިން ގަޔާޝް އެވެ.
އަށް ޓީމު ވާދަކުރާ މި މުބާރާތުގައި އިއްޔެ ކުޅުނީ ގުރޫޕް އޭގެ ދެ މެޗެވެ. މިއަދު ކުޅޭނީ ގުރޫޕް ބީގެ ދެ މެޗެވެ. ހަވީރު އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަށް ފަހު މިރޭ ކުޅޭނީ މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.