18 ފެބުރުއަރީ 2025 - 18:49

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިސް މަގާމެއްގައި ތިބި ތިން މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މިފްކޯއިން މިއަދު ބުނީ، ވަކިކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ތިން ޖެނެރަލް މެނޭޖަރުން ކަމަށެވެ.
މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރީފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފަށާފައިވާ އިސްލާހީ އެޖެންޑާ ދަށުން ޕާފޯމަންސް ރިވިއުކުރުމަށް ފަހު އެޅި ފިޔަވަޅެއް ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މިދިޔަ އަހަރު ފެށި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށެވެ.
މިފްކޯގެ ތެރޭގައި ޒަމާނުއްސުރެން ފެށިގެން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާނެ ކަމަށާއި އެ ކުންފުންޏަށް ބޭރުގެ ސީއީއޯއެއް އައްޔަން ކުރެއްވީ ވެސް އެެހެންވެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ކުންފުންޏަށް އައްޔަންކުރީ ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެވެ. އެއީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އެކުލެވޭ އެ ކުންފުނި އުފައްދާފައިވަނީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމުގެ ބޭނުމުގަ އެވެ.